ads
ހުޅުދުއްފާރު ޕޮލިސް ޕޯޓް ހުޅުވައިދެއްވަނީ…ފޮޓޯ/ފުލުހުން
ރަށްރަށުގައި ފުލުހުން ގާއިމްވުމުން ކުށް މަދުވުމަށް މަގުފަހިވޭ: އިމްރާން
ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ކުށްތައް މަދު ކުރުމަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ރަށްރަށުގައި ފުލުހުން ގާއިމްވެ ތިބުން ކަމަށާއި އެކަން ވެގެންދާނީ ކުށް މަދުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރ މިހެން ވިދާޅުވީ ރ. ހުޅުދުއްފާރުގައި ޤާއިމް ކުރި ޕޮލިސްޕޯސްޓް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސްޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ވެސް ބަދަލުތަކެއް އަންނަމުންދާ ކަމާއި، ހާއްސަކޮށް މަސްތުވާތަކެއްޗާއި އެ ތަކެތީގެ ސަބަބުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށް ވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމުގައެވެ. އަދި ރަށްރަށުގައި ފުލުހުން ގާއިމުކުރުން އެއީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި ފުލުހުންގެ ހިދުމަށް ގާއިމްކުރުމަށް ސަރުކާރުން ވަރަށް ރޭވުން ތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، ފުލުހުންގެ ލީޑަރޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އަވަށްޓެރި ފުލުހުންގެ ފަލްސަފާއަކީ އޭގެ ތެރެއިން، ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން، ޚާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވޭނެ ޚިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.   

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭންފަށާނެ ހިދުމަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަން ފާހަގަކުރެއްވިއެވެ. އަދި އުނގޫފާރު ފުލުހުން ހުޅުދުއްފާރަށް އައިސް ރައްޔިތުންނަށް ދެމުން އައި ހިދުމަތް މިއަދު ހުޅުވުނު ޕޮލިސް ޕޯސްޓާއެކު ނިމުމަކަށް އައިސްފައިވާ ކަމާއި މިއަދުން ފެށިގެން ހުޅުދުއްފާރުގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނީ ރައްޔިތުންނާ ވަރަށް ގާތުން ކަމުގައި ވިދާޅުވިއެވެ.

ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވައިލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް