އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޑިފެންސް މިނިސްޓްރީގެ ޚަރަދަށް ހިމަނާފައި ވަނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް ތަންފީޒު ކުރަން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.
ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އެ އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް އެ ރިޕޯޓް އަރުވާފައިވެއެވެ.
މީގެއިތުރުން މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.
މީގައި ހިމެނިފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ ދިފާއީ ނިޒާމާއި، އިންޓެލިޖެންސްގެ ނިޒާމާއި، ތައުލީމީ ނިޒާމަށް ގެންނާނެ ބައެއް ބަދަލުތަކުގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ވެސް ބައެއް ހުށަހެޅުންތައް ހިމަނާފައިވެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.