ads
އަލީ ވަހީދު..
އަލީ ވަހީދު ހާޒިރުނުވުމުން ސްޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފި
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އޭނާ ހާޒިރުވެވަޑައިނުގަތުމުން އަޑުއެހުން ކެންސަލް ކޮށްފިއެވެ.
Advertisement

ސުޕްރީމް ކޯޓުގައި މިއަދު ތާވަލް ކުރީ، އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި މައްސަލަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ތާވަލް ކުރީ މިއަދު ހެނދުނު 09:00 އަށެވެ. 

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދައުވާ ފޯމް ބާތިލްކޮށްފައެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

ހައިކޯޓުން މައްސަލަ ބަލައިގަތުމަށްފަހު ދައުވާ ފޯމް ބާތިލްކޮށްފައިވަނީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓަށް އަންގައި, ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް މީގެ ކުރިން ވަނީ ނެރެފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކްރިމިނަލް ކޯޓުން ބަލަމުން ގެންދާ އެނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިޔުމަށް އަންގާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތައް ވަޑައިގެންނެވި ގޮތައް އަދިވެސް އަލީ ވަހީދު ހުންނެވީ އެގައުމުގައެވެ. އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ނުވެގެން ދެމަސް ދުވަހަށް އޭނާ ޖަލަށް ލާން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި ވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް