
ފިލްމުގެ ގިނަ ކާސްޓުން ފެންނަ ގޮތަށް ނެރެފައިވާ އެ ޓްރެއިލާގައި "ބީވުން" ގެ ތީމް ލަވައިގެ އަސަރު ގަދަ ކަޑިއެއް ވެސް ހިމެނޭކަން ފާހަގަ ކޮށްލެވެ އެވެ.
ބީވުންގެ މަންޒަރެއް..
"ބީވުން" ގެ ތީމް ލަވަ އަކީ މުހައްމަދު އަހުމަދު (ކޮއްކޮ) މިއުޒިކް ހަދާ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ އަޑުން ކިޔާފައިވާ ލަވަ އެކެވެ.
ފޭސްބުކް މެދުވެރިކޮށް ނެރެފައިވާ "ބީވުން"ގެ ދެ ވަނަ ޓްރެއިލާ އިން ޑްރާމާ އާ ދޭތެރޭ ބެލުންތެރިން އިތުރަށް ޝައުގުވެރި ކުރުވާނެ ކަން ޔަގީނެވެ. ލޯތްބާއި ހިތާމަވެރި އެތައް މަންޒަރެއް ދައްކުވައިދޭ އެ ޓްރެއިލާ އަށް މިހާތަނަށް އައިއިރު ރަނގަޅު ތަރުހީބެއް ވެސް ލިބިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ޝޫޓިން ފެށި "ބީވުން" އެއީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ 13 އެޕިސޯޑުގެ ޑްރާމާ އެކެވެ.
ބާރު ސްޕީޑުގައި ކުރިއަށް ގެންދާ އެ ސީރީޒްގެ ޝޫޓިންގެ 50 ޕަސެންޓު މިހާރު އެއްކޮށް ޝޫޓްކޮށް ވަނީ ނިމިފަ އެވެ.
"ބީވުން" އަކީ އައްޔަގެ އަންހެނުން އާއިމިނަތު ރިނާޒާ, ލިޔެ ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. ޑްރާމާގެ ވާހަކަ ބިނާ ވެފައި ވަނީ އާއިލާ އެއްގެ ތެރޭގައި ދިމާވާ ބޮޑެތި މައްސަލަ ތަކެއްގެ މައްޗަށެވެ.
ބީވުންގެ މަންޒަރެއް…
އަލަށް ތައާރަފްވާ ތަރިންނާ ފިލްމީ ދާއިރާގެ ސީނިއާ ތަރިން ހިމެނޭ "ބީވުން" ގެ ލީޑު ރޯލުން ޝިފާ އަދި ޝާރިފް ފެންނަ އިރު ޝަމީލް، ޔޫޝައު، ޝާރިފް، ޝާނާ، މަރިޔަމް ހަލީމް އަދި ފާތިމަތު ލަތީފް ވެސް ޑްރާމާގެ މަންޒަރުތަކުން ފެންނާނެ އެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި މަންޒަރުތައް ނަގަން ނިންމާފައިވާ "ބީވުން" އަންނަ މި މަހުގެ ތެރޭގައި ބެލުންތެރިންނަށް ދައްކަން ފަށަން އަމާޒު ހިފާފައި ވާއިރު އައްޔަ ވަނީ މި ފަހުން މޭޓް ސްޓޫޑިއޯ އިން ހެދި ޑްރާމާ "ރޭރޭ" ގެ ކެމެރާކޮށް އެޑިޓް ވެސް ކޮށްދީފަ އެވެ.