މިހާރު އިއުލާނުކުރެވިފައިވާ މިނިމަމް ވޭޖް އިސްލާހުކުރުމަށާއި، މިސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށް، ފުރިހަމަ ކުރަންޖެހޭ ގާނޫނީކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ މި ޖަމިއްޔާތަކުން ނެރެފައިވާ އެ ބަޔާނުގައި ވަނީ މިގޮތުން ކަނޑައަޅާ އަދަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅެވޭވަރުގެ އުޖޫރައެއް، ނުވަތަ ލިވަބަލް ވޭޖެއްކަން ޔަގީންކޮށް އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާފައެވެ.
އެ ބަޔާނުގައި ބުނީ ނޭޝަނަލްް ލޭބާ އޯގަނައިޒޭޝަނުގެ ލަފާގެމަތިން، މަސައްކަތްތެރިންނާ، ވަޒީފާދޭފަރާތްތަކާ، ސަރުކާރުގެ ބައިވެރިވުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިދިޔަ އޮކްޓޫބަރުގެ ފަސް ވަނަ ދުވަހު ސަރުކާރަށް އަރުވައިފައިވާ ލަފަޔާއި ހިލާފަށް މިނިމަމް ވޭޖް ކަނޑައަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފޯމިއުލާތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ހުރިގޮތް ދިރާސާ ކުރުމަށްފަހު ދީފައިވާ ލަފާގެ މަގުސަދަކީ، މަސައްކަތްތެރިން އިގްތިސާދީގޮތުން ބާރުވެރިކޮށް، މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަން ޔަގީންކުރެވޭނެ ފެންވަރެެއްގެ މިނިމަމް ވޭޖެއް ކަނޑައެޅުން ކަމަށާއި، ނަމަވެސް، ދިވެހި ސަރުކާރުން އެލަފަޔާ ހިލާފަށް މިނިމަމް ވޭޖް ކަނޑައެޅުމުން، ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި ހުރީ ކޮންކަހަލަ، އަދި ކޮންބައެއްގެ، ނުފޫޒުތަކެއްކަމާ މެދު ސުވާލުއުފެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގައުމެއްގައި ހުންނަ ގަވާއިދުތަކާއި ގާނޫނުތަކަކީ، ހުރިހާއެއްމެނަށްވެސް ހަމަހަމަކޮށް އެއްވަރަކަށް ތަންފީޒުކުރެވޭ ގަވާއިދުތަކާއި ގާނޫނުތަކަކަށްވާޖެހޭކަން ފާހަގަކޮށް އެބަޔާނުގައި ބުނީ ރާއްޖޭގައި ކަނޑައަޅާ މިނިމަމް ވޭޖުގެ ނިޒާމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އެންމެން ހިމެނެން ޖެހޭނެ ކަމަށާއި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރުވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތުކުރުންތައް އިތުރުވެ، އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އެމީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށްވެ.
އަދި މީގެ އިތުރުން، މިނިމަމް ވޭޖެއްގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތްކުރާ ގައުމުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުންކަން ފާހަގަކޮށް އެބަޔާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުދެވޭނެ ކަމުގެ ސަބަބެއްކަމުގައި، އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ މިނިމަމް ވޭޖު ދޭ އަދަދުތައް ދިވެހިރާއްޖޭގެ މިނިމަމް ވޭޖު އަދަދުތަކަށްވުރެ ދަށްކަމަށް ބުނުމަކީ ވެސް ބަލައި ގަނެވޭނެކަމެއް ނޫން ކަމަށެވެ.