ads
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި: މިނިވަންނުވާ ސިޓީއެއް
މާލެ އަށް ސިޓީ އަކަށްވުރެ މަތީ ދަރަޖައެއް ލިބިފައިވެ އެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 14 ވަނަ މާއްދާ އިން ރާއްޖޭގެ ވެރިކަންކުރާ ރަށަކަށް ކަނޑައަޅާފައި ވަނީ މާލެ އެވެ. ގުދުރަތީ ގޮތުން ކ. އަތޮޅުގައި އޮތް ނަމަވެސް މާލެ އަކީ އިދާރީ ގޮތުން ކ. އަތޮޅަށް ނިސްބަތްވާ ރަށެއް ނޫނެވެ. ދިވެހި ރާއްޖޭގެ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ގޮތުން ވެރިރަށް މާލޭގެ ދާއިރާގައި ހިމެނެނީ، މާލެ، ވިލިނގިލި އަދި ހުޅުމާލެ އެވެ.
Advertisement

ދެ ވަނަ އަށް ރާއްޖޭގައި ސިޓީ އެއްގެ ދަރަޖަ ލިބިގެން ދިޔައީ އައްޑޫ އަތޮޅެވެ. އައްޑު އަތޮޅުގައި މީހުން ދިރިއުޅޭ ހަ ރަށާއި މީހުން ދިރި ނޫޅޭ 23 ރަށް އޮވެ އެވެ. މީހުން ދިރިއުޅޭ އެއް ހަތަރު ރަށް ވަކިން ގުޅިފައި އޮންނައިރު އަނެއް ދެރަށް ވެސް އޮންނަނީ ދެރަށް ދެ ރަށަށް ގުޅިފަ އެވެ. އައްޑޫ ސިޓީ އަކަށް ވެގެން ދިޔައިރު ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ސިޓީ އެއްގެ ދަރަޖަ ދެނީ އާބާދީގައި 25،000 ހަމަވުމުންނެވެ. އައްޑޫ ސިޓީ އަކަށް ވެގެން ދިޔައީ ހުރިހާ ރަށެއްގެ އާބާދީ އެއްކޮށް ލައިގެންނެވެ.

ލާމަރުކަޒީ ގާނޫނަށް އެކި ފަހަރު މަތިން ގެނައި އިސްލާހު ތަކަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި 3 ޑިސެމްބަރު 2015 ވަނަ ދުވަހު ޝާއިރު ކޮށްފައިވާ، އެ ގާނޫނުގެ ޖަދުވަލު ދޭއްގެ 1. ގައި ބުނެފައި ވަނީ "ރަށުގެ ނުވަތަ އަވަށުގެ ނުވަތަ ސަރަހައްދުގެ އާބާދީ 10،000 (ދިހަ ހާސް) މީހުން ނަށްވުރެ ދަށްނުވާ،" ނަމަ ސިޓީ އެއްގެ ދަރަޖަ ދެވިދާނެ ކަމަށެވެ.

ސިޓީ އެއްގައި ހުންނަން ޖެހޭ ގިނަ ޝަރުތުތައް ހަމަ ނުވާއިރު، ޏ. ފުވައްމުލަކާއި ހދ. ކުޅުދުއްފުށްޓަށް ސިޓީ އެއްގެ ދަރަޖަ ދީފައި ވަނީ ހަމައެކަނި އާބާދީގައި ދިހަ ހާސް މީހުން ހަމަވުމުންނެވެ. ފުވައްމުލަކަކީ ޏ. އަތޮޅުގައި އޮތް ހަމައެކަނި ރަށަށް ވުމުން؛ ފުވައްމުލަކަކީ މުޅި އަތޮޅަށް ނިސްބަތްވާ ސިޓީ އެވެ. ކުޅުދުއްފުއްޓަކީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 (ތޭރަ) ރަށުގެ ތެރެއިން އެއް ރަށަށް ވުމުން، އައްޑު އާއި ފުވައްމުލަކާއި އަދި މާލެ އާއި ހިލާފަށް، ކުޅުދުއްފުށި ވެގެން ގޮސްފައި ވަނީ ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސިޓީ އެއްގެ ދަރަޖަ ލިބިގެން ދިޔަ ރަށަކަށެވެ.

ލާމަރުކަޒީ ގާނޫނުގެ ހަ ވަނަ މާއްދާގައިގެ ހ. އަދި ށ. ގައި ޖުމްލަ ގޮތެއްގައި ބުނެފައިވާ ގޮތުން އިދާރީ ދާއިރާއެއް ހިންގުމުގެ އެންމެ އިސް ފަރާތަކީ އަތޮޅު ކައުންސިލެވެ. އަދި އެ މާއާދާގެ ނ. ގައި ބުނެފައިވާ ގޮތުން، " އިދާރީ ދާއިރާއެއް އެކުލެވިގެންވަނީ، މީހުން ދިރިއުޅޭ އެންމެ ރަށެއްގެ މައްޗަށް ކަމަށްވެފައި، އެ ރަށަކީ (މި ގާނޫނުގެ 37 ވަނަ  މާއްދާގެ ދަށުން) ސިޓީއެއްގެ ދަރަޖަ ލިބި، ސިޓީ ކައުންސިލެއް ގާއިމުވެފައިވާ ރަށެއް ކަމުގައި ވާނަމަ، އެ އިދާރީ ދާއިރާއެއް ހިންގާނީ، އެ ރަށެއްގައި ގާއިމުވެފައިވާ ސިޓީ ކައުންސިލުންނެވެ. އެ ހާލަތުގައި (މީހުން ދިރިއުޅޭ އެންމެ ރަށެއް އިދާރީ ދާއިރާގައި އޮންނަ ހާލަތުގައި، ސިޓީ އެއްގެ ދަރަޖަ ލިބުމުން) އެ ސިޓީ ކައުންސިލަކީ، އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ."

ލާމަރުކަޒީ ގާނޫނުގެ، (ސިޓީ އެއްގެ ގޮތުގައި ކަނޑައެޅުން) 51 ވަނަ މާއްދާގެ ޅ. ގައި ބުނެފައިވާ ގޮތުގައި "އިދާރީ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް މި ގާނޫނުގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް، އެ އިދާރީ ދާއިރާއެއް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައް ވެސް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލުންނެވެ."

ކުޅުދުއްފުއްޓަށް ސިޓީ އެއްގެ 'ދަރަޖަ' ދިން އިރު، އެހެން ސިޓީ ތަކާއި ވަރަށް ބޮޑު ތަފާތު ތަކެއް އެބަހުއްޓެވެ. އެއް ގޮތަކުން ބަލާނަމަ ކުޅުދުއްފުށި ސިޓީ އާއި ސިޓީގެ މޭޔަރަށް ލިބިފައިވާ 'މިނިވަންކަން' އަނެއް ތިން ސިޓީ އަށްވުރެ ވަނީ ހަނި ވެގެން ގޮސްފަ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު ނަންގަވަން ޖެހޭ ޒިންމާ އަނެއް ތިން ސިޓީގެ މޭޔަރުން ނަންގަވަން ޖެހޭ ޒިންމާ އަށްވުރެ ބޮޑެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބު ކޮށްފައިވާ މަގާމު ތަކުގެ ތެރެއިން އެންމެ ބޮޑު މުސާރަ އެއް ލިބިވަޑައި ގަންނަވަނީ މޭޔަރުންނަށެވެ. އެއީ ސާޅީސް ހާސް ރުފިޔާ އެވެ. ކައުންސިލް ތަކުގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު އަތޮޅު ކައުންސިލް އަށް ދީފައިވާ ދަރަޖަ ސިޓީ ކައުންސިލަށް ލިބިފައިވައިވާ ދަރަޖަ އަށްވުރެ ދަށެވެ. އަތޮޅު ކައުންސިލް ތަކުގެ ރައީސުންނަށް ލިބިވަޑައި ގަންނަވަނީ ސިޓީ ކައުންސިލްގެ މެންބަރަކަށް ލިބިވަޑައިގަންނަވާ 30،000ރ. (ތިރީސް ހާސް ރުފިޔާ) ގެ މުސާރަ އަށްވުރެ ދެ ހާސް ރުފިޔާ މަދު އަދެދެކެވެ. އެއީ 28،000ރ. (އަށާވީސް ހާސް ރުފިޔާ) އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލްގެ މޭޔަރާއި އަތޮޅު ކައުންސިލްގެ ރައީސް ޒިންމާގެ ތަރުތީބަށް ބަލާއިރު، ސިޓީ މޭޔަރަށްވުރެ އަތޮޅުގެ އިސް މަގާމަކީ އަތޮޅު ކައުންސިލްގެ ރައީސް އެވެ.

ލާމަރުކަޒީ ގާނޫނުގެ 11 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ގޮތުން (އަތޮޅު ކައުންސިލް އެކުލެވިގެން ވަނީ) "އެ އިދާރީދާއިރާ އެއްގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށެވެ." އެހެން ކަމުން، ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވާ، އަތޮޅު ކައުންސިލްގެ މެންބަރުންގެ މައްސޫލިއްޔަތުތަކުގެ ތެރެގައި ހިމެނޭ ހުރިހާ ކަމެއް، އަތޮޅަށް ނިސްބަތްވާ ސިޓީގެ މޭޔަރު ވެސް ކުރަށްވަން ޖެހިވަޑައިގަންނަވާ އެވެ. ޖުމްލަކޮށް އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ދިމާވާ ދަތިތައް އަތޮޅު ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި ޖަލްސާ ތަކުގައި ބައިވެރިވުމާއި ޕްލޭންތަކާއި ބަޖެޓް އެކުލަވާލުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އަތޮޅު ކައުންސިލްގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުމެވެ. އެހެން ގޮތަކުން ބުނާ ނަމަ އަތޮޅަކަށް ނިސްބަތްވާ ގޮތަށް އުފެދޭ ސިޓީ ކައުންސިލްގެ މޭޔަރު ހުންނަން ޖެހިވަޑައިގަންނަވާނީ، (ގާނޫނީ ގޮތުން ބަލާއިރު ވެސް) އަތޮޅު ކައުންސިލް ރައީސް ގެ 'ދަށު' ވެފަ އެވެ.

your imageކުޅުދުއްފުށި ސިޓީގެ މޭޔަރު (ކ) އަތޮޅު ކައުންސިލްގެ ބައްދަލުވުމެއްގައި

ގާނޫނުގައި މިހެން މިކަން އޮތުމުން، 'މިނިވަން' ތިން ސިޓީގެ މޭޔަރުންނާ އެއް ވަރަށް މުސާރަ ލިބިވަޑައިގަންނަވާ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު (އަތޮޅު ކައުންސިލް މެންބަރެއްގެ ގޮތުން) ކުރައްވަން ޖެހިވަޑައިގަންނަވާ މަސަތްކަތް ގިނަވެފައި، ސިޓީ ކައުންސިލްގެ މަސައްކަތަށް ދެއްވޭ ވަގުތު މަދުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. މިކަމުން ސާފު ވަނީ، އެހެން ސިޓީތަކަށް އޮތް 'މިނިވަންކަން' ކުޅުދުއްފުށި ސިޓީ އަށް ގާނޫނީ ގޮތުން ވެސް ނެތް ކަމެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި އަތޮޅު ތަކުގައި އުފެދޭ ސިޓީ ތަކަށް ވެސް، މާލެ އާއި އައްޑު އާއި ފުވައްމުލަކު ސިޓީ އަށް ލިބިފައިވާ މިނިވަންކަން ލިބިގެން ނުދާނެ ކަމެވެ.

ތަފާތުކުރުން ނައްތާލަން ބޭނުން ނަމަ، މިކަމުގެ ހައްލަކީ ރަށެއް ސިޓީ އަކަށް ވާ ހިސާބުން އަތޮޅުގެ އިދާރީދާއިރާ އިން ވަކި ކުރުމެވެ. ނުވަތަ ސިޓީ އެއް އޮންނަ އަތޮޅެއް ނަމަ، އެ އިދާރީދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތަކީ ސިޓީގެ މޭޔަރު ކަމުގައި ކަނޑައެޅޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމެވެ. ނަމެއްގައި ސިޓީ އެއްގެ ދަރަޖަ ދިނުމަކީ ގާނޫނު ހަދާ ފަރާތްތަކުން އެނގިތިބެ ރައްޔިތުން ވާ ވެއްދުމެވެ.

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް