މަކުނުދޫގެ އެންމެންގެ "ޓީޗަރު އައިސްތު" ނުވަތަ އައިސްތު މިސް އަކީ ތައުލީމީ ދާއިރާގައި އެތަކެއް ގިނަ ހިދުމަތްކޮށްދިން ފަރާތެކެވެ. އޭނާގެ ކައިރިން ތައުލީމު އުނގެނި ތަރުބިއްޔަތުވެ މަސައްކަތުގެ މާހައުލަށް ނުކުމެ ތިބި މީހުން މިއަދު މަކުނުދޫގައި މަދެއް ނުވާނެއެވެ. މިއަދު ކިޔަވައި ދިނުމާއި ދުރުގައި ހުންނެވި ނަމަވެސް އަނެއްކާވެސް މިސް މިވަނީ ރަށަށް ރީތި ނަމާއި ފަހުރު ހޯއްދަވާ ދެއްވާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތްކުރުމުގެ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ލިބިލެއްވި 117 ބޭފުޅުންގެ ތެރޭގައި އައިސްތު މިސް ހިމެނުނެވެ.
ސީއެންއެމް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މިސް ވިދާޅުވީ، ރެޔަކީ މިސް ހަޔާތުގައި އައި ވަރަށް އުފާވެރި ރެޔެއް ކަމަށާއި ސަރުކާރުން ހިދުމަތްތެރިންގެ ހިދުމަތުގެ އަގު ވަޒަން ކުރާ ކަމީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އަދި ރޭގައި އެ ލިބުނު އެވޯޑަކީ މިސް ދުވަހަކުވެސް އުންމީދުވެސް ނުކުރާ އެވޯޑެއް ކަމަށް ވިދާޅުވިއެވެ.
އެފަދަ ޝަރަފުވެރި އެވޯޑެއްގެ ޝަރަފަކީ މަރު ދުވަހަށް ވެސް ދެމިހުންނާނެ ޝަރަފެއް ކަމަށް ގަބޫލު ކުރެވުނު ކަމަށް އައިސްތު މިސް ވިދާޅުވިއެވެ.
36 އަހަރު ބައިވަރު ދަރިވަރުންގެ ދެވަނަ މަންމައެއްގެ ގޮތުގައި!
1981 ވަނަ އަހަރު ތައުލީމީ ދާއިރާއަށް އައިސްތު މިސް ނުކުންނެވީ މާ ބޮޑު ތައުލީމަކާއި ތަމްރީންތަކެއް ލިބިގެންނެއް ނޫނެވެ. އެހެން ނަމަވެސް ތިމާއަށް ލިބިފައިވާ ހުނަރާއި އެނގިފައިވާ އެނގުންތައް އެހެން މީހުންނަށް އަންގައިދިނުން އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިސް ދެކުނެވެ.
ކިޔަވައިދިނުމުގެ ދާއިރާއަށް ނުކުންނެވި އިރު އެއްވެސް ވަސީލަތެއް ފަހި ވެފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ދަތި ވެގެން ދިޔަ ކަމަށް މިސް ވިދާޅުވިއެވެ. އެއްވެސް ފޮތެއް އެއްޗެއް ނެތި ހަނދާނުގައި ހުންނަ އެއްޗެއް ދަރިވަރުންނަށް ބުނެދީ، ޕޭޕަރުގެ ބަދަލުގައި ކަޅު ބޯޑުގައި ޗޯކުން ސުވާލު ލިޔެ ކުދިންގެ ފޮތަށް އެ ސުވާލު ނަގަން ޖެއްސެވި ފައި ހުންނާނެ ކަން ވެސް މިސް ފާހަގަ ކުރެއްވިއެވެ.
މިސް ވިދާޅުވީ ފަހިވި ފުރުސަތަކާއެކު މުދައްރިސުން ތަމްރީން ކުރުމުގެ ހަތަރު ވަނަ ބުރުން ޖާގަ ލިބި ތަމްރީން ވި ކަމަށާއި އޭރު ކޮންމެވެސް ވަރެއްގެ ޕޮކެޓް މަނީ އެއްވެސް ލިބުނު ކަމަށެވެ.
އައިސްތު މިސް ވަނީ ޕްރައިމަރީ ގްރޭޑް ތަކަށް ގިނަ މާއްދާތަކެއް ކިޔަވައި ދެއްވާފައެވެ. އެގޮތުން ބޮޑަށް ފާހަގަ ކޮށްލެވުނީ މަކުނުދޫ ސްކޫލްގެ އިސްލާމް މުދައްރިސްގެ ގޮތުގައެވެ. މިސް ކައިރިން އިސްލާމް/ގުރުއާން މާއްދާ ކިޔެވި ދަރިވަރުންގެ އަދަދު ބުނަން ވެސް ދަތި ކަމަށް މިސް ވިދާޅުވިއެވެ.
ދިވެހި އިސްލާމް ޓީޗިން އިން ޑިޕްލޮމާ ހާސިލް ކުރެއްވި މިސް އިތުރަށް ވިދާޅުވީ، އޭރު ގިނަ ކުދިންތަކަށް މިސްގެ ފަރާތުން ހިދުމަތެއް ދެވުނީތީ މިއަދު ވަރަށް އުފާކުރާ ކަމަށެވެ. އަދި މިއަދުވެސް މިސްގެ ކައިރިން އުނގެނި ފާހަގަ ކޮށްލެވޭ ރަނގަޅު ވަޒީފާތަކުގައި މަކުނުދޫގެ ކުދިން ތިބޭ ކަމީ މިސް ވަރަށް ފަހުރުވެރިލައްވާ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.
ނުކުޅެދޭ ދަރިއެއް ރަނގަޅަށް ބަލަމުން ވެސް ދިޔައީ ކުރިއަށް!
ކިޔަވައިދިނުމުގެ ދާއިރާގައި އަހަރުތަކެއް ފާއިތުވިތަނާ މިސް އަށް ތިން ވަނަ ދަރިޔަކު ލިބުނެވެ. އެހެން ނަމަވެސް އެ ދަރި ވެގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ދަރިއަކަށެވެ.
ބަލި ކުއްޖެއްގޮވައިގެން ވަޒީފާއަށް ނުކުމެ އުޅުމަށް ދަތިވިތޯ ސުވާލުކުރުމުން މިސް ވިދާޅުވީ ހަގީގަތުގައި ދަރިފުޅު ބަލަހައްޓަން ނުހަނު ދަތިތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް ވަގުތު ރަނގަޅަށް މެނޭޖްކޮށް ބަލި ދަރިފުޅުގެ ކަންކަން ވެސް ބަލަހައްޓަމުން ވަޒީފާއަށް ވެސް އިސްކަންދީގެން ކުރިއަށްދިޔަ ކަމަށް މިސް ވިދާޅުވިއެވެ.
ފިރިމީހާގެ ނެތް ނަމަ މިކަމެއް ނުވީސް! އެއީ ހަމަ އެއްވަނަ!
މިސް ވިދާޅުވީ މިސްގެ ފިރިމީހާ އަކީ މި ދަތުރުގެ މާލިމީ ކަމަށާއި ހުރިހާ ކަމެއްގައި ވެސް ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބުނު ކަމަށެވެ. ފިރިމީހާ އަކީ މިވަގުތު މަކުނުދޫ ސްކޫލްގެ ލީޑިން ޓީޗަރު އިބްރާހިމް ވަހީދު އެވެ. އިބްރާހިމް ވަހީދަކީ ވެސް މަކުނުދޫ ސްކޫލަށް އަގު ނުކުރެވޭ ވަރުގެ މިންނެތް މަސައްކަތް ތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ވަގުތީ ގޮތުން ކައިރި ބައެއް ރަށްރަށުގެ ހެޑްމާސްޓަރުކަން ވެސް ވަހީދު ވަނީ ކުރައްވާފައެވެ.
އައިސްތު މިސް ވިދާޅުވީ ، ބަލި ދަރިފުޅު ގެންގުޅެމުން ކިޔަވައިދިމުގެ ދާއިރާގައި ހީވާގިކޮށް އުޅެވުނީ ވަހީދު ދެއްވި ސަޕޯޓުން ކަމަށާއި ދެމީހުންގެ ވަގުތުތައް ވެސް ބަހާލުމުގައި ދަރިފުޅަށް ގިނަ ވަގުތު ދެވޭނެ ގޮތަށް ވެސް ބަލާފައިވާނެ ކަމަށެވެ
ސްކޫލްގައި އިތުރު ހަރަކާތްތައް އޮންނަ އިރުގައިވެސް ދަރިފުޅުގެ ކަންކަން ފިރިމީހާ ރަނގަޅަށް ބަލަހައްޓާނެ ކަމަށާއި އަންހެން ދަރިއަކަށް ބައްޕައެއްގެ ފަރާތުން ދޭންޖެހޭ ލޯތްބާއި ރައްކާތެރިކަން ވަހީދު ދެއްވަމުން އަންނަ ކަން މިސް ފާހަގަ ކުރެއްވިއެވެ. މިސް ދެކިލައްވާ ގޮތުގައި ފިރިމީހާ އަކީ ހަމަ އެއްވަނަ އެވެ. އެހެން ކަމުން ފިރިމީހާ އަށާއި އުފަން ދަރިންނަށް ހާއްސަ ޝުކުރުރެއް މިސް ވަނީ ރައްދުކޮށްފައެވެ. އޭގެ އިތުރުން މިސް ދެކެ ލޯބިވާ އެންމެނަށް ހިތުގެ ފުންމިނުން ޝުކުރު ދެންނެވިއެވެ.
އާމްދަނީ ހޯދަން ކޮންމެ ކަމެއް ކުރަން ކެރޭ ފިސާރި ކަނބަލެއް!
މިސް އަކީ ރަށުގެ އެންމެންނާވެސް ގުޅޭ މުރާލި އަންހެނެކެވެ. ހުރިހާ ކަމެއްވެސް ދަން މީހެކެވެ. ދަނޑުވެރިކަން ކުރުމާއި މަސްވެރިކަން ކުރުމަށް މިސް ނުހަނު ޝައުގުވެރިކަން ހުރެއެވެ. މަދު ހޮވައި މަދު ފެޅުމާއި، ރިހާކުރު ކެއްކުން ފަދަ ކަން ކަމުން ވެސް މިސް ނަފާ ހޯއްދަވާކަން ފާހަގަ ކޮށްލެވެއެވެ.
މިސް އިތުރަށް ވިދާޅުވީ، ރަށުގެ ކުދިބޮޑު އެންމެން މިސް އާ ގުޅުން އޮންނަ ކަމަށާއި މިއަދާ ހަމައަށް ވެސް ބަޔެއްގެ ބަދު ބަސްތަކެއް މިސް އަށް ރައްދުނުވާ ކަމީ އުފާވާ ކަމެއް ކަމަށެވެ. މިސް ކޮންމެ މީހަކާވެސް ވާހަކަ ދައްކަވަނީ އެމީހެއްގެ ހާލަތު ދެނެގަނެގެން ކަމަށް މިސް ކިޔައިދެއްވިއެވެ.
2017 ވަނަ އަހަރު ސްކޫލް ވަޒީފާއިން ރިޓަޔާ ވެ މިހާރު ފަސް އަހަރު ވަރު ވެފައިވާއިރު މިސް އަށް ކިޔަވައިދިނުން ވަރަށް މިސް ވެއެވެ. އަދިވެސް ސްކޫލުގައިި ހަމަ ހީވާގި މުދައްރިސެއްގެ ގޮތުގައި އުޅޭ ހިތްވެއެވެ. އެ ދާއިރާއިން ހިތް ނުކެނޑެއެވެ. އެ ހިދުމަތާއި ދުރުގައި ހުންނަން ދެރަވެސް ވެއެވެ. އެހެން ނަމަވެސް މިއަދު މިސް ރަށަށް އެ ހޯއްދަވައިދެއްވި ޝަރަފަށް ގިނަ ބަޔަކު ވަނީ އުފާކޮށްފައެވެ. ލޯބިން ނުހަނު ލޯބިން މިސް އަށް މަރުހަބާ ކީ މަކުނުދޫ އެންމެންނަށާއި ދަންނަ އެންމެންނަށް ވެސް މިސްގެ ހިތުގެ ފުންމިނުން ޝުކުރު ވެރިވެއެވެ.