ads
ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ފޮޓޯ ޕީއެސްއެމް
ދައުވާ ކުރީ 13 ފުލުހެއްގެ މައްޗަށް، ޒެނީޝާއާއި ބަޝީރަށް ދައުވާ ނުކުރޭ
2017 ވަނަ އަހަރު ކ. ތުލުސްދޫގައި ހިންގި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗާގެ ޢަމަލު ހިންގި މައްސަލައިގައި 13 ފުލުހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
Advertisement

ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ ދައުވާ ކުރަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކޮށް އެކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއްގައި ކަމަށެވެ. އެމައްސަލާގައި ކުރީ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށާއި އެފްސީޕީޑީގެ ވެރިޔާ މުޙައްމަދު ބަޝީރުއަށްވެސް ދައުވާ ކޮށްދިނުމަށް އެދި ހިއުމަންރައިޓްސް ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވިއެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދަޢުވާކުރީ ކުށުގެ ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ޤަރީނާ ލިބުނު މީހުންގެ މައްޗަށް ކަމށާއި، މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، އެފްސީޕީޑީގެ ވެރިޔާ މުޙައްމަދު ބަޝީރުގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދަޢުވާކޮށްފައި ނުވާނެ ކަމަށެވެ. 

އެކަމަކު ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިމައްސަލާގައި ދައުވާ ކޮށްފައިވަނީ ކ. ތުލުސްދޫ، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ 12 (ބާރަ) އަހަރުން މަތީގެ ކުދިންތަކަކަށް ހިންގި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗަރގެ ޢަމަލު ހިންގި މައްސަލައެއްގައެވެ. މިކޭމްޕް ހިންގާފައިވަނީ 20 އެޕްރީލް 2017 އިން 22 އެޕްރީލް 2017 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މުވައްޒަފުން ބައިވެރި ވެގެންނެވެ.

13 ފުލުހެއްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު: 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ހ) އާއި، 15 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނުނުގެ 23 ވަނަ މާއްދާގެ (ކ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

ޕީޖީ އޮފީހުން ވަނީ މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް އަންނަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ޕްރޮސިކިއުޓަ ޖެނެރަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް