ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗާގެ ޢަމަލު ހިންގި މައްސަލައިގައި 13 ފުލުހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން މިއަދު ފޮނުވާފައިވާތީ ކަންބޮޑުވުން ފާޅުކޮށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ކ. ތުލުސްދޫގައި ހިންގި ކޭމްޕަކީ ބްލޫޒް ފޮ ޔޫތު ކޭމްޕްގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، އެކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކެމްޕެއް ކަމަށެވެ.
އެ ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ނުވާކަން ފާހަގަކޮށް އެބަޔާނުގައި ބުނީ އެ އެކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނީ އެ މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް)ގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކޮށްދިނުމަށް އެ ކޮމިޝަންގައި މިހާރު އެދިފައިވާ ކަމަށެވެ.
މިކޭމްޕް ހިންގާފައިވަނީ 20 އެޕްރީލް 2017 އިން 22 އެޕްރީލް 2017 އަށް ފުލުުހުންނާއި، މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީގެ މުވައްޒަފުން ބައިވެރި ވެގެންނެވެ. ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗަރގެ ޢަމަލު ހިންގި މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅީ އެޗްއާރްސީއެމްގެ ފަރާތުންނެވެ. އެޗްއާރްސީއެމްއިން އެދުނީ 13 ފުލުހަކަށާއި، އެފްސީޕީޑީގެ އޭރުގެ ވެރިޔާ މުހައްމަދު ބަޝީރުގެ އިތުރުން އޭރުގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށެވެ.
ނަމަވެސް ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެ އޮފީހުން އުފުލީ 13 ފުލުހެއްގެ މައްޗަށެެވެ.
އެކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ޤަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވުނު ޒެނީޝާ އާއި، ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވަނީ ކަމަށް އެ އޮފީހުން ބުުނެފައިވެއެވެ.