ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ސީއެންއެމް އަށް ވިދާޅުވީ ރާއްޖޭގައި މިހާރު ޑޮކްޓަރުންނަށް ދޭ މުސާރަ އާ އަޅާބަލާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކުން އެއަށްވުރެ އެކަށީގެންވާ މުސާރަ ލިބޭތީ ކައިރި ގައުމު ތަކުން ޑޮކްޓަރުން ހޯދަން ވަރަށް އުނދަގޫ ކަމަށެވެ.
އާދިލް ވިދާޅުވީ ޑޮކްޓަރުން ލިބުމުގައި ދަތިކަން ހުރި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މުސާރައިގެ މައްސަލަ އާއި، ކޮވިޑްގައި ޗުއްޓީ ނުނަގާ ތިބި ޑޮކްޓަރުންނަށް ޗުއްޓީ ދޭން ޖެހުމާއި، ކައިރި ގައުމުތަކުން ޑޮކްޓަރުން ހޯދަން އުނދަގޫވުން ހިމެނޭ ކަމަށެވެ.
"ކޮވިޑް ހާލަތުގައި ވަރަށް ގިނަ ޑޮކްޓަރުން ޗުއްޓީ ނުނަގައި މަސައްކަތް ކުރެއްވީ. ދެން ޗުއްޓީ ނުދީވެސް ނުހިފެހެއްޓޭނެ. ނުދީފިއްޔާ ވަޒީފާ ދޫކޮށްފައި ދަނީ. އެހެންވީމަ ޑޮކްޓަރުންގެ ދަތިކަން ވަރަށްބޮޑަށް އެބަހުރި،" އާދިލް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން މިހާރު ކިއުބާ ސަރުކާރުގެ އެހޯތެރިކަމާއެކު މިނިސްޓަރު އިސްވެ ހުންނަވައިގެން އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި މިހާރު މިއޮތް ތާށިކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ ޑޮކްޓަރުން ގެނައުމާއި ޑޮކްޓަރުންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުނެެ އެވެ.
"މިހާރު މިއޮތް ޝޯޓްފޯލް (ބޭނުންވާ ވަރަށް ޑޮކްޓަރުން ނެތުން) ހައްލުކުރަން އެންމެ އިސްކަމެއް ދެނީ. އޭގެ އިތުރުން މުސާރައިގެ ކަންކަމުގައި ވެސް ސަރުކާރުން މިހާރު ދަނީ މަސައްކަތްކުރަމުން،" އާދިލް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ބައެއް ކުދި ރަށްރަށުގައި މަސައްކަތްކުރާ ޑޮކްޓަރުން އެކަށީގެންވާ ވަރަށް ކޭސްތައް ނުލިބޭތީ ވެސް ވަޒީފާ ދޫކޮށްފައި ދާކަމަށެވެ.
"ޓާޝަރީ ހޮސްޕިޓަލު ތަކުގައި މަސައްކަތް ކުރާ މީހުންގެ ވާހަކައެއް ނޫން. އެކަމަކު ބައެއް ކުދި މަރުކަޒު ތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން އެބަހުރި އެގޮތަށް ގޮސްފައި،" އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އެންމެ ބޮޑު ދަތިކަމެއް އޮތީ ފިޒިޝަނުންނާއި ހޭނައްތާ ޑޮކްޓަރުން ލިބުމުގައި ކަމަށެވެ.