ads
ރައީސް ސޯލިހު...
ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބިލު ރައީސް ތަސްދީގު ކުރައްވައިފި
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު (ޤާނޫނު ނަންބަރު: 20/2021) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

މި ބިލަކީ 2021 އޮކްޓޫބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެ އެވެ. އަދި ފޮރިން ސާވިސް އެކުލެވިގެން ވަނީ، މިނިސްޓްރީ އާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި،  އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސެވެ. އަދި ރައީސް އަންގާ ގޮތެއްގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރި އަކީ މިނިސްޓަރެވެ.

ގާނޫނުގައިވާ ގޮތުން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބެހިގެން ވަނީ އެގްޒެކެޓިވް ސަރވިސް ސްޓާފުން އަދި ޖެނެރަލް ސާވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށް ކަމުގައި ގާނުނޫނުގައި ވެއެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް