
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، އެ ދެ މައްސަލާގައިވެސް އަންނަ ހަފްތާ ކުރީކޮޅު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެކަމަށް ގޮތެއް ނިންމުން ލަސްވާ ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) މިފަހަކަށް އައިސް ވަރަށް ގިނަ މައްސަލަތައް ފޮނުވާފައިވާކަމަށާއި ފޮނުވާއިރަށް ވަރަށް އަވަހަށް އެކަންކަން ނިންމަން މަސައްކަތްވެސް ކުރައްވާ ކަމަށެވެ.
ނަމަވެސް އޭސީސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން މައްސަލަތައް ފޮނުވާއިރު ޕީޖީ އޮފީހާއި އޭސީސީން މަޝްވަރާ ނުކުރާތީ މައްސަލަތައް އަވަހަށް ނިންމުމުގައި ދަތިވާކަމަށް ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލަވެސް ފޮނުވާފައި އޮތީ މަޝްވަަރާ ކުރުމެއް ނެތިކަމަށާއި އެހެންކަމުން އެމައްސަލާގައިވެސް އަދިވެސް ލިއުންތައް ދިރާސާ ކުރަނީ ކަމަށް ވިދާޅުވިއެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އެމަނިކުފާނަށް ނެތް ކަމަށެވެ.
އަންނަ ހަފްތާގެ ކުރީކޮޅު އެ ދެމައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ވިދާޅުވިއިރު ވެންޓިލޭޓަރު ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އޭސީސީން މިދިޔަ މަހު ބުނެފައި ވެއެވެ.
ވެންޓިލޭޓަރު ހިޔާނާތު މައްސަލާގައި އޭސީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސުވާލު ކުރެއްވުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން، ދައުވާ ނުކޮށް އަނބުރައި ޕީޖީން ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭސީސީން މިހާރު ކުރަމުންދަނީ ޕީޖީން ފާހަގަ ކުރި ކަންކަން ތަހުގީގް ކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން އޭސީސީން ބަލަމުންދާ ކަންތައްތަކުގެ ތެރޭގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މައްސަލައާއި، ފައިނޭންޝަލްގެ މުއާމަލާތުގެ އިތުރު ތަހުގީގްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އޭސީސީން މައްސަލަ ހުށަހަޅާފައި އޮންނަތާ މިހާރު ފަސް މަސް ވެއްޖެއެވެ.
ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ހަތަރު މަސް ދުވަސްވީއިރުވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީ މަހްލޫފުގެ ސަސްޕެންޝަން މިހާރު އޮތީ އުވާލާފަ އެވެ.