މި އަޑުއެހުން އޮތީ މާދަމާ ހެނދުނު 09:00 ގައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތަށް، ނިހާންގެ މައްޗަށް ކުރާ ދައުވާތައް އިއްވުމަށާއި ޖަވާބުދާރީވުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާފައިވެއެވެ. އެއަޑުއެހުމުގައި އޭނާގެ މައްޗަށް އިއްވި ހަ ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަކީ:
- ރިޝްވަތު ހިފުމުގެ ދައުވާ
- މަނީ ލޯންޑަރިންގެ ދައުވާ
- ރިޝްވަތު ލިބިގަތުމަށް އެދުނު ކަމުގެ ދެ ދައުވާއެއް
- ރިޝްވަތުގައި ހިފުމުގެ ދެ ދައުވާ އެކެވެ.
ނިހާންގެ މައްޗަށް ހަ ދައުވާ އުފުލާ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ޕީޖީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މައުލޫމާތު ދީފައެވެ.
އަދި ނިހާން އަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށާއި މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ވަކި ގޮތެއް އަންގަންދެން އޮތީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.