
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު “ސީއެންއެމް” އަށް މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ނާޒިމް ވިދާޅުވީ، ތަހުގީގަށް ނަޝީދު ދެއްވަން ބޭނުންފުޅުވާ ބަޔާނުގެ ޑްރާފްޓް މިއަދު ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.
ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުންގެ ތަހުގީގު ޓީމެއް ޔޫކޭއަށް ފޮނުވަން ވެސް ކުރިން ނިންމިއެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު އޭރު ވިދާޅުވީ، ބޮމުގެ ހަމަލާއަކީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ކަމަށް ނުވާއިރު އެމަނިކުފާނުގެ ބަޔާން ނެގުމަށް ބަޔަކު އެމަނިކުފާނު ހުންނެވި ތަނަކަށް އަންނަންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.
ހަމަލާއަށްފަހު ލިބުނު ޒަހަމުތަކަށް އޭޑީކޭގައި ފަސް ވަރަކަށް ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ޔޫކޭއަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ޔޫކޭގައި ފަސް މަސް ހޭދަކުރެއްވިއެވެ.
އެ މައްސަލައިގައި ރައީސް ނަޝީދުގެ ބަޔާނެއް މުހިންމު ކަމަށާއި ނަމަވެސް ބަޔާން މިހާތަނަށް ލިބިފައިނުވާކަމަށް ޕީޖީ ޝަމީމް ވިދާޅުވުފައިވެއެެވެ. އެކަމާއި ގުޅިގެން މީގެ ކުރިން ރައީސްް ނަޝީދުގެ ފަރާތްޕުޅުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމަނިކުފާން އަވަހާރަކޮށްލަން ދިން ހަަމަލާއާ ގުޅިގެންް ޕީޖީ ހުސެއިން ޝަމީމް ދޭން އެދިވަޑައިގެންފައިވާ ބަޔާން ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އަދި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނުނިމެނީސް ބަޔާން ނެގުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ބޭއްވި ޕްރެސް ބްރީފިން ގައި ފުލުހުންވެސް ވަނީ ރައީސް ނަޝީދުގެ ބަހެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ ޖާނާއި ހިތާއި މޭ ކަމަށެވެ.
މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނީލޯފަރު މަގުގައި ހުރި ސައިކަލެއް ގޮއްވާލައިންގެން ދިން ޓެރަރިޒަމްގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ދެ މީހަކު މާލެއިން، އެކަކު ހުޅުމާލެއިން އަދި އެކަކު ބ. ދަރަވަންދޫއިން ހައްޔަރު ކޮށްފައިވެއެވެ.
ދަރަވަންދޫއިން ހައްޔަރު ކޮށްފައިވަނީ، ލ. ގަން، ދުންފިނިއުފާ، އުމުރުން 23 އަހަރުގެ އަހްމަދު ފާތިހު އެވެ. އޭގެ ކުރިން މި މައްސަލައިގައި މާލެއިން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދެވެ.
އަދި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ.