ފޯރި ގަދަ ކުޅުމެއް ފެނުނު މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ތިން ލަނޑު ތިން ލަނޑުން ދެ ޓީމު އެއްވަރު ވުމުންނެވެ. ސީޝެލްސްއިން މެޗު އެއްވަރު ކުރީ މެޗުގެ އެންމެ ފަހު ވަގުތުއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ސީޝެލްސްގެ ކީޕަރުވަނީ ލަންކާގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި އެއް ޕެނަލްޓީވަނީ ލަންކާއިން މިސްކޮށްލާފައެވެ. ސީޝެލްސްގެ ޕެނަލްޓީތަކުން ލަންކާއަށް މަތަ ކުރެވުނީ އެއްމެ ޕެނަލްޓީއެކެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ލަންކާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު މި ލަނޑު ޖެހީ މާވިން ހެމިލްޓަންއެވެ. ސީޝެލްސްއިން ފުރަތަމަ ފަހަރަށް އެއްވަރު ކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ.
ދެވަނަ ހާފު ފަށައިގެން ލަންކާއިން އަނެއްކާވެސް ދެ ލަނޑު ޖަހައި ތިނެއް އެކަކަށް ނަތީޖާ ބަދަލުކުރިއެވެ. އެހެންނަމަވެސް ސީޝެލްސްއިން ދޫނުދީ ފަހަތުން އަރައި ދެ ލަނޑު ޖަހައި އަނެއްކާވެސް އެއްވަރު ކުރިއެވެ. ސީޝެލްސް އިން ދެވަނަ ފަހަރަށް އެއްވަރު ކުރި ލަނޑު ޖެހީ އަށްޑިހަ ނުވަވަނަ މިނިޓްގައެވެ. ތިނެއް ތިނެއްގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.