ads
ނައިފަރުގައި މިހާރު ނިމިފައިވާ ހައުސިން ޔުނިޓްތައް ހަދަމުން ދިޔައިރު.... ފޮޓޯ: ނައިފަރު ކައުންސިލް
ނައިފަރު 100 ހައުސިން ޔުނިޓަށް ފުރަތަމަ ދުވަހުވެސް 700 ފޯމު
ޅ ނައިފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 700 ފޯމު ނަގާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ފޯމްޑައުންލޯޑް ކޮށްގެން އޮންލައިން ކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އޮތްއިރު އޮފީހަށް 700 އަށްވުރެ ގިނަ ފޯމް ނަގާފައިވާ ކަމަށެވެ. 

ފޯމް ހުށަހެޅުމަށް ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 23 އެވެ.

"އޮންލައިންކޮށްވެސް އެޕްލައި ކުރެވޭ ގޮތަށް އަޅުގަނޑުމެން ހަމަޖައްސާފައިވާނީ. އަޅުގަނޑު މިދެންނެވީ 700 ފޯމް (ހާޑްކޮޕީ) އޮފީހުން ނަގާފައިވާ ވާހަކަ" ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. 

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ އުސޫލު އަދި ފޯމު ފުރިހަމަ ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މާދަމާރޭ  8:15 ގައި މަދްރަސަތުލް އިފްތިތާހުގެ ޖަލާލުއްދީން މާލަމުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ނައިފަރުގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

ހަ ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ނައިފަރުގެ ބައެއް ގޭގޭގައި 30 މީހުންނަށްވުރެ ގިނައިން ވެސް އުޅެމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެއްގެއެއްގައި ތިން ހަތަރު އާއިލާ ވަކިން ކައްކައިގެން، ވަކިން އުޅެމުން އަންނަކަމަށްވެސް ބުނެއެވެ. 

ކައުންސިލުން ބުނީ އިތުރު 96 ހައުސިން ޔުނިޓް އެޅުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެކަމަކު މިއަންނަ އަހަރުގެ ބަޖެޓްގައިވެސް އެމަޝްރޫއު ހިމެނިފައި ނުވާ ކަމަށެވެ. އަދި ނައިފަރުގައި އެރަށާ އެއްވަރުގެ ބިމެއް ހިއްކެން އެބަ އޮތް ކަމަށްވެސް އެކައުންސިލުން ބުނެއެވެ. 

"އަޅުގަނޑުމެން އުންމީދު މިކުރަނީ ދައުރު ނިމުމުގެ ކުރިން އެކަންކަން ވާނެ ކަމަށް . މިއަންނަ އަހަރުގެ ބަޖެޓްގައި މި ދެކަމެއްވެސް ނެތް. ބިން ހިއްކުމުގެ މުއާމަލާތް 2016އިން ފެށިގެންވެސް އަންނަނީ ކުރެވެމުން" ކައުންސިލް ރައީސް ރަޝީދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް