މީގެކުރިން ބިޒްނަސް ވިސާގެ ގަވާއިދުގައި އޮންނަ ގޮތުން އަހަރެއްގެ ތެރޭގައި ވިސާގެ މުއްދަތު އިތުރުކުރަން، އަދި ވިޒާ ދޫކުރާނީވެސް 30 ދުވަހާއި 90 ދުވަހުގެ މުއްދަތަކަށެެވެ.
މިހާރު އިސްލާހުކުރި ގަވާއިދުގައި ވާގޮތުން ބިޒްނަސް ވީޒާ ދޫކުރެވޭނީ އެ ވީޒާއަށް އެދި ހުށަހަޅާ ފަރާތަކަށް، މީލާދީ ކޮންމެ އަހަރެއްގައި 180 ދުވަހަށްވުރެ(6 މަސް) އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.
އަދި އެގޮތަށް މުއްދަތު އިތުރުކޮށްދެވޭނީ، މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ސަބަބަށް ރިއާޔަތްކޮށް، ވީޒާ އިތުރުކޮށްދިނުމަށް ފެނިއްޖެ ހިނދެއްގައި، ބިޒްނަސް ވީޒާގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މީލާދީ އަހަރެއްގެ ތެރޭގައި، 6 މަސް ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.
އަދި ބިޒްނަސް ވީސާގެ ހުއްދަ ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި، އެ ހުއްދައިގެ ދަށުން ރާއްޖެއަށް އެމީހަކު އެތެރެވެފައި ނުވާނަމަ އެ ހުއްދަ ބާތިލުވާނެއެވެ.
އިސްލާހުކުރި ގަވާއިދުގައިވާގޮތުން ބިޒްނަސް ވީސާއަށް މީގެ ފަހުން އެދެވޭނީ، ހަމައެކަނި ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އަދި ބިޒްނަސް ވީސާއަށް އެދޭ ބިދޭސީ ފަރާތުން، ލިޔެކިޔުންތައް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާންވާނެއެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގައި އިންޝޫރަންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރުންވިޔަސް އެފަދަ ފަރާތަކުން ދޫކޮށްފައިވާ ހެލްތް އެންޑް ޓްރެވަލް އިންޝޫރަންސް ޕޮލިސީގެ ކޮޕީ އާއި، ޝަރުތުތައް ފުރިހަމަވާކަމަށް ބަޔާންކޮށް، ރާއްޖެ އައުމަށް އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ޑިކްލަރޭޝަން ހިމެނެއެވެ.