މުޣުނީއަށް ލިބިވަޑައިގެންފައިވަނީ، އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021 "ގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑް އެވެ. މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރު އެވެ.
މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައެވެ.
މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ 3 އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާއި އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެންނެވެ.
އެގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.
ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ވަނީ ސްޓެލްކޯއަށް ލިބިފައެވެ.
ކުންފުނީގެ ކޯޕަރޭޓް ގަވަރނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށްފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމްކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، މަސްލަހަތު ފުށޫއަރާފަދަ ކަންކަމުން އެކަހެރިވުމާއި، ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.
ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާ ޕޮޑް ތައާރަފްކުރުމާއި، ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުން ހިމެނޭއެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުން ވެސް ހިމެނެއެވެ.
ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއަރ ގެނެސް "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރުމާއި، ތިމާވެއްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި، އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި، ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުވައިދީފައިވެއެވެ.
މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ލިބިފައިވެއެވެ.
މީގެ އިތުރުން، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ހިދުމަތްތަކާއި، އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވާ ފުރުސަތުތައް ވެސް ފާހަގަކުރެވެއެވެ.
އެ އެވޯޑް ލިބުމާއި ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.
އޭޝިއާސް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައި.