ads
ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ދީނީ އިލްމު މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ފަތުރާނެ: ރައީސް
ދީނީ ޢިލްމު، ޤުރްއާނުގެ ޢިލްމު، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޖަޒީރާ ތަރައްޤީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ ޢިލްމު އުނގަންނައިދީ ފެތުރުން ކަމަށާއި، މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން(ސަރުކާރުން) ކުރަމުން އެބަ ގެންދަވާ ކަމުގައެވެ.

މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި، ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރުދެއްވިއެވެ. އަދި ހަމައެއާއެކު ކީރިތި ޤުރްއާނުން ހިފޭނެ ގިނަގުނަ ބޭނުންތައް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކީރިތި ޤުރްއާނުން އިތުރު ބޭނުންތައް ހިފޭނީ ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާން ތަންފީޒުކުރަން ދަސްކޮށްގެން ކަމަށާއި ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުމުން ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ޤުރްއާނުގެ އަޚްލާޤުން ހައްލު ލިބެން އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރުތަކަކީ، އިސްލާމީ ތަރުބަވީ އަޚްލާޤު ދަންނަ އެއްޗެއް ނޫން ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، އިސްލާމް ދީނުން ފެންނަން އޮތީ، އިޖްތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުޞޫލުތައް ކަމަށާއި ބައިބައިވުމާއި ވަކިވަކިވުން ނޫންކަން ފާހަގަކުރެއްވިއެވެ.

ރޭގެ ހަފްލާގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން ރައީސް ވަނީ ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ. މި ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް