ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް ސީއެންއެމް އަށް ވިދާޅުވީ އެ ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ލ. ހިތަދޫ އުމުރުން 41 އަހަރުގެ މީހެކެވެ. އެއީ އެރަށުން ގަމު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.
ޝިޔާމް ވިދާޅުވީ އަންހެން މީހާ ހިތަދޫ އިން ގަމު ހޮސްޕިޓަލަށް ރިފާ ކުރީ ރަހިމުން ލޭ ފައިބާތީ ކަމަށެވެ. އަންހެން މީހާ ގަމު ހޮސްޕިޓަލަށް ގެންދިޔައީ ބުދަ ދުވަހު ހެނދުނު 9:15 ހާއިރު ކަމަށާއި އޭރު އޭނާގެ ބަނޑަށް 36 ހަފްތާ ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޑޮކްތަރަށް ދައްކާފައިވަނީ އެންމެ ފަހަރަކު ކަމަށާއި، ބަނޑަށް 25 ވަނަ ހަފުތާގައި ސްކޭނެއް ހަދައިފައިވާ ކަމަށާއި އަދި އޭގެ ފަހުން އެއްވެސް ވަރަކަށް ޑޮކްޓަރަށް ދައްކާފައެއް ނެތް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސިޒޭރިއަން ހަދަން ޖެހުނީ ދަަރިފުޅުގެ ވިންދު ދަށް ކަމަށް ހިތުގެ ޓެސްޓުތަކުން ދެއްކުމުން ކަމަށެވެ. އަދި އޭރުވެސް ލޭ މަނާ ނުވާ ކަމަށާއި ރަހިމުން މަސް ނެއްޓެން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޒޭރިއަން ތެރޭވެސް ލޭ މަނާ ނުވެގެން ރަހިމު އެއްކޮށް ނެގީ ކަމަށެވެ.
އޭނާ ވިދާޅުވީ އަންހެން މީހާއަށް ބުދަދުވަހުގެރޭ، ވިންދު ދަށްވެ އޮކްސިޖަން ލެވެލް ވެސް ދަށްވުމުން، 7:45 އިން ފެށިގެން އައިސީޔޫގައި ފަރުވާދޭން ފެށި ކަމަށެވެ. ނަމަވެސް އަންހެން މީހާ ބުދަދުވަހުގެރޭ 11:44 ހާއިރު ވަނީ މަރުވެފަ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އަންހެން މީހާ މަރުވީ ހިތް ހުއްޓިގެންނެވެ. ހޮސްޕިޓަލުން އިތުރަށް ބުނީ ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށެވެ.