މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރަނީ، "ކޮއްކޮމެންގެ އީދު" ނަމުން މަޝްހޫރު ހިތަދޫގެ ޒުވާނުންގެ ގްރޫޕަކުންނެވެ. މި ވޮލީ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފަވާ އިރު، މުބާރާތުގައި ބައިވެރިވުމަށް އެދި އަންނަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 12 އާ ހަމައަށް ފޯމް ހުށައެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ހިތަދޫގެ އަންހެން ވޮލީ ޓީމުގެ އެއްބާރުލުމާއި އެކު "ކޮއްކޮމެންގެ އީދު" ގްރޫޕުން އިސްނަގައިގެން ހިތަދޫ ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުން އެއް ވަނައަށް ދާ ޓީމަކަށް 3000 (ތިންހާސް) ރުފިޔާ އަދި ދެވަނަޔަށް ދާ ޓީމަކަށް 1500 (ފަނަރަސްތޭކަ) ރުފިޔާ ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ވޮލީ މުބާރަތް އިންތިޒާމް ކުރުމުގައި ހިތަދޫ ކައުންސިލްގެ އިތުރުން ހިތަދޫ އަންހެނުންގެ ވޮލީ ޓީމުގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެެއް ދަނީ ލިބެމުން ކަމަށް "ކޮއްކޮމެންގެ އީދު" ޓީމުން މައުލޫމާތުދެއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން، ޓީމް ލިސްޓުގައި އަށަކާއި ބާރައާއި ދެމެދުގެ އަދަދަކަށް ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމެނިދާނެ ކަމަށް "ކޮއްކޮމެންގެ އީދު" ގްރޫޕުން މައުލޫމާތުދެއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައަޅާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީއެއްވެސް ދައްކަން ނުޖެހޭނެ ކަމަށް އެ ޓީމުން މައުލޫމާތުދެވެ.
މީގެ އިތުރުން "ކޮއްކޮމެންގެ އީދު" ގްރޫޕުން ބުނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތަދޫ އަންހެން ކަބަލުންގެ މެދުގައި ކުޅިވަރަށް ދެވޭ އަހަމިއްޔަތުކަން އިތުރަށް ފުޅާކުރުން ކަމަށެވެ.
"ކޮއްކޮމެންގެ އީދު"ގެ ނަމުން މަޝްހޫރު ހިތަދޫގެ މި ޒުވާން ގްރޫޕަކީ މި ފަހުން ހިތަދޫގައި ނަމޫނާ ދައްކަމުން އަންނަ ޒުވާނުންގެ ގްރޫޕެކެވެ.