ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާ މެމްބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މިސްކިތަކީ ސައުދީ ސަރުކާރުގެ އެހީގައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުގެ ބޮޑު ހަރަދެއްކޮށްފައިވަނީ ދިވެހި ދައުލަތުގެ ބެޖެޓުން ކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މިނިސްޓަރު އަސްލަމް ވަނީ ދިވެހި ދައުލަތުން ކިންގް ސަލްމާން މިސްކިތައް ކުރި ހަރަދު ސައުދީ ސަރުކާރުން އަނބުރާ ދޭނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ސައުދީ ސަރުކާރުގެ ނިޔަތް އެބައޮތްކަން އަދި ދެއްވާނެކަން. އެ ލާރި ރިއިންބާސްކޮށްދެވާނެކަން. އެ ވާހަކަތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ސައުދީ ސަރުކާރާއެކު އެބަ ވާހަކަދައްކަވަމުންދޭ. އަދި ސައުދީ ސަރުކާރުން އެ ހަރަދު ކުރައްވާނެކަން އަޅުގަނޑަށް ހަމަ ޔަގީން." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ފާޑުކިއުން ވަނީ އަމާޒުވާތާ ގިނަ ދުވަސްވެފައިވަނިކޮށެވެ. ސަލްމާތް މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރެވޭ ގޮތަށް ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސް ވަނަ ފަންގިފިލާގައި ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެ އެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކޮށް ސަލްމާން މިސްކިތާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިހާރު މިސްކިތް އެޅިފައި އެހުރިތަނަށް ބަލާއިރު އެ މިސްކިތަކީ ވަރަށް ހަރަދުބޮޑު ބަލަހައްޓަން އުދަގޫ މިސްކިތެއް ކަމަށެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން މިނިސްޓަރަށް ފާޑުކިއިރު އަނެއް ބަޔަކު ވަނީ އެ މިސްކިތް އެތާގައި އަޅަން ނިންމީތީ ކުރީ ސަރުކާރަށް ފާޑުކިޔާފައެވެ.