ads
މިނިސްޓަރު މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަނީ
މުސާރަ ކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުން ހޯދަން ދަތި: މިނިސްޓަރު
މުސާރަ ކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުން ހޯދަން ދަތިތަކެއް ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުސާރަކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުން އެހެންދާއިރާތައް އިޚްތިޔާރު ކުރައްވާ ކަމަށާއި، އެގޮތުން މަޖިލީހާއި ކައުންސިލްތަކުގައިވެސް މިހާރު ޕްރިންސިޕަލުން އެބަތިއްބެވި ކަމަށެވެ. 

މިއަދު މިނިސްޓަރާ ސުވާލު ކުރެވުނީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތި ދުވަސްތަކެއް ވެފައިވާތީ ޕްރިންސިޕަލެއް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ. 

މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތީ 15 އޮގަސްޓުން ފެށިގެން ކަމަށާއި، އެއީ ޕްރިންސިޕަލް ވަޒީފާ ދޫކޮށް ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ. އެހެންވެ 18 އޮގަސްޓުގައި ޕްރިންސިޕަލެއް ހޯދުމަށް އިއުލާނު ކުރެވުނު ކަމަށާއި، އެހެން ނަމަވެސް މަގާމަށް އެކަށީގެންވާ ބޭފުޅަކު އެދިފައި ނުވާކަމަށެވެ. އޭގެފަހުން 8 ސެޕްޓެމްބަރުގައިވެސް އިއުލާން ކުރެއްވި ކަމަށާއި އެ އިއުލާނަށްވެސް ޝަރުތު ހަމަވާ ބޭފުޅަކު އިޖާބަ ނުދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހު ތިންވަނަ އިއުލާނެއް ކޮށް މިހާރު ޕްރިންސިޕަލެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ލަސްތަކެއް މިވަނީ އިންޓަވިއު ކުރެވުނު ބޭފުޅާއަކީ މެލޭޝިއާގައި ހުންނެވި ބޭފުޅެއް. އެބޭފުޅާ އިއްޔެ ނުވަތަ މިއަދު މާލެ ވަޑައިގަންނަވާނެ. ވަޑައިގަތުމަށްފަހު އަންނަހަފްތާގައި ވަޒީފާ ހަމަޖެއްސުމަށްފަހު ސްކޫލަށް ފޮނުވޭނެ" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ބައެއްރަށްތަކަށް ޕްރިންސިޕަލުން ހޯދުން ވަރަށް ދަތި ކަމަށާއި، އެކަމުގެ އެއް ސަބަބަކީ މުސާރަކުޑަވުން ކަމަށެވެ. މިނިސްޓަރު ފާހަގަ ކުރެއްވީ ހެޑްމާސްޓަރު ކޯސް ނުވަތަ ޕްރިންސިޕަލް ކޯސް ހައްދަވާފައި ތިއްބެވި ބޭފުޅުން މަޖިލީހާއި ކައުންސިލް ތަކަށްވެސް ކުރިމަތަިލައްވާ ކަމަށެވެ. 

ޕްރިންސިޕަލުން ރަށްރަށަށް ލިބުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދަވާ ކަމަށާއި އެގޮތުން ރަށުން ބޭރަށް މިނިސްޓްރީން އެދިގެން ދާ ޕްރިންސިޕަލުންނަށް މިހާރު އެލަވަންސްގެ ގޮތުގައި އިތުރު 3000 ރުފިޔާ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. 

އެންމެފަހުން އެފަދަ ޕްރޮގްރާމެއް ހިންގަވާފައިވަނީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރުން 2020 ވަނައަހަރު ޕްރިންސިޕަލުން ތަމްރީން ކުރަން ފޮނުވަން ވިސްނި ކަމަށާއި އެހެންނަމަވެސް މެލޭޝިއާގެ ބޯޑަރު ބަންދުވުމާ ގުޅިގެން އެކަން ކުރެވޭ ގޮތަ ނުވާކަމަށެވެ. އެހެންވެ، މިއަހަރު 20 މީހުން ތަމްރީން ކުރުމަށް މިހާރު ސްކްރީން ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މީގެ އެއްއަހަރު ފަހުން ގާބިލު 20 ޕްރިންސިޕަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ލީޑިން ޓީޗަރުން ފެށިގެން މަތީ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ތަމަރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގަވާ ކަމަށެވެ. އަދި ތަޖްރިބާ ހޯދުމަށްތަކައި ޕްރިންސިޕަލުން އެހެން ސްކޫލްތަކަށް ދަތުރުކޮށް މައުލޫމާތު ހޯދުމުގެ ޕްރޮގްރާމްތައް ހިނގޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް