ads
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް———
އަންނަ އަހަރުގެ ބަޖެޓަކީ ޖީލުތަކުގެ ބޮލުގައި އެޅޭ ބޮޑު ދަރަންޏެއް: އިދިކޮޅު
ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓާއިމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެ ބަޖެޓަކީ ދިވެހި ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތް، ވަރަށް ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ.
އެގޮތުން 9.7 ބިލިއަން ރުފިޔާއިން ދަރަނި މިބަޖެޓަކީ މިހާތަނަށް ހުށައެޅިފައިވާ ބަޖެޓްތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

“ލިބެން ހުރި ހިސާބުތަކަށް ބަލައި މިހާތަނަށް ލަފާ ކުރެވޭ ގޮތުގައި މި ވެރިކަމުގެ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށްވުރެއިތުރުވެގެންދާނެ އެވެ. ހަމަ އެއާއެކު ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުންދިވެހި ރާއްޖޭގެ ދަރަނި ހުންނާނީ 105 އިން ސައްތައަށްވުރެ މަތީގައެވެ.” އެ ބަޔާނުގައި ވެއެެވެ.

ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި މިފަދަ ނާޒުކު ހާލަތެއްގައި އުފައްދަން ނުޖެހޭ ބޮޑެތި ހަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެންކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. 

އަދި އެ އަދަދު ކުޑަކޮށް، ސީދާ ރައްޔިތުންނާއި ގުޅޭ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ އެލޮކޭޓް ކުރަން އެކޯލިޝަންގެ މަޖިލިސް މެމްބަރުން ދިޔައީ ތަކުރާރުކޮށް އަޑުއުފުލަމުން ނަމަވެސް މިކަންކަން ކުރަމުން ދަނީ އިދިކޮޅުގެ އަޑު މަޖިލީހުގައި ކަނޑުވާލާ، މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ވާހަކަ ދައްކަން ލިބޭ ފުރުސަތުގައި މެޖޯރިޓީއޮތް އެމްޑީޕީގެ މެމްބަރުން ހުރަސްއަޅާ ވަރަށް ބޮޑަށް ދަތި ކުރުމާއެކީގައި ކަމަށްވެސް ބުނެފައިވެއެވެ. 

އެ ބަޔާނުގައި ބުނީ ސަރުކާރުން ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިޤްތިސާދު ފުނޑާލުމަކީ "އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް" ނުވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި މި ކޯލިޝަނުން ދެކޭ ކަމަށާއި، އެއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ.

އަދި ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާއި ގުޅުންހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަން ފާހަގަކުރަމުން ބުނެފައިވަނީ ބަޖެޓް ފާސްކުރުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުﷲ އަދި ކޯލިޝަންއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިނުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއެގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ. 

މީގެ އިތުރުން އެ ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ނުދޭކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެ ބަޖެޓަށް ވޯޓު ނުދިނީ ސަރުކާރުން ހުށައެޅިގޮތަށް އިންތިހާއަށް ދަރަނި ބޮޑުބަޖެޓެއް، ދަރީންގެ ދަރީންގެ ބޮލުގައި އެޅޭގޮތަށް ފާސްކުރަން ވޯޓު ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރާން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް