ކޮނޑޭ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ހަކީމް ސީ އެން އެމް އަށް މިއަދު ވިދާޅުވީ މިއަދުގެ ނިޔަލަށް 172 މީހުން އެދިފައިވާއިރު އޭގެތެރެއިން އެންމެ ގިނަމީހުންނަނަކީ މާލެއަށް ނިސްބަތްވާ މީހުން ކަމަށެވެ.
"މާލެއަށް ނިސްބަތްވާ މީހުން ގިނައީ. އަދިވެސް ވަރަށް ގިނަ މީހުން އެދެމުންދަނީ . ވަރަށް ކާމިޔާބުކޮށް ކުރިއަށް އެބަދޭ މިމަސައްކަތް" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އާބާދީ ރިކޯޑްގައި 590 މީހުން އޮތްކަމުގައި ވިޔަސް އެރަށުގައި ގާއިމްވެ، ދިރިއުޅެމުންދަނީ 300އެއްހާ މީހުންނެވެ. އެހެންކަމުން އަހްމަދު ވިދާޅުވީ މިހާރު އެރަށުގައި ދިރިއުޅޭ މީހުގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިަހާތަނަށް އެރަށުން ގޯތި ހޯދަން އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ ރަށުގެ ޕްލޭން ހަދައި ޖެނުއަރީ ހިސާބުގައި ގޯތި ދޫކުރެވޭވަރު ވާނެ ކަމަށް" އަހްމަދު ވިދާޅުވިއެވެ.
ގއ ކޮނޑޭ އިން ގޯއްޗަށް ޝައުގުވެރިވާ ރަށުންބޭރު ފަރާތްތަކަށް 3000 އަކަފޫޓުގެ ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމީ އޮކްޓޫބަރު މަހުގެ ފަހުކޮޅުއެވެ.
ކޮނޑޭ އަކީ 118 ހެކްޓަރުގެ ބިންބޮޑު ރަށެކެވެ.
ކޮނޑޭ ކައުންސިލުން ބުނީ އެރަށުގެ ތަރައްގީ އަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ މަދުވުން ކަމުގަ އެވެ. އަދި ބުނީ ރަށުން ބޭރު ފަރާތްތަކަށް ގޯތިދޫކުރުން އެއީ ކައުންސިލުން އާބާދީ ބޮޑުކުރުމަށް ކުރާ މުހިއްމު މަސައްކަތެއް ކަމަށެވެ.
ގޯތިދޫކުރުމަށް ކޮނޑޭ ކައުންސިލުން ނިންމާފައިވަނީ ރަށު ސްކޫލާ ކައިރިން އުތުރު ފަރާތުގައިވާ ހުސްބިމުންނެވެ. އަދި އަމޭން މޯލްޑިވްސް ފްރައިވެޓް ލިމިޓެޑް އާ ހަދަން ހަވާލުކޮށްފައިވާ މިސްކިތާވެސް ކައިރިން ކަމަށް ، އަހްމަދު ވިދާޅުވި އެވެ.
ކޮނޑޭ ކައުންސިލުން ބުނީ ކޮންމެ ކައުންސިލަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށެވެ. އަމިއްލައަށް ހިންގުމަށް ފުރުސަތު ލިބުމުން އެމައްސަލަ ހައްލު ވެގެން ދާނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ. އަހުމަދު ވިދާޅުވީ އެރަށުން ޓޫރިޒަމަށް ބިންތައް ދޫކުރަން ފަށާނެ ކަމަށާއި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް ވެސް ކައުންސިލްގެ ޕްލޭން ގައި ހިމަނާފައިވާނެ ކަމަށެވެ. އޭރުން ބަޖެޓުގެ ދަތިކަން ހައްލު ކުރެވި ރަށަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދާނެ ކަމަށެވެ.
މިވަގުތު ގޯއްޗަށް ޝައުގުވެރިކަން ހުރިފަރާތްތްތަކަށް ކައުންސިލުން ފުރުސަތު ހުޅުވާ ލާފައި ވިޔަސް ގޯތިދޫކުރަން ފަށާނީ އަންނަ އަހަރު ކަމަށްވެސް ކޮނޑޭ ކައުންސިލުން ބުނެ އެވެ.