ads
ފޮޓޯ: އަވަސް
ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި ހުސްވަގުތު ގިނަވުން ހިމެނޭ: ހުތުބާ
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އަނިޔާތަކާއި ދުރުހެލިވުމަށެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މިއަދު މި ދިވެހި ވެށީގައި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ، ވަކި ޖިންސެއްގެ މީހުންނެއް ނޫން ކަމަށާއި އެ އަނިޔާ ލިބޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ފިރިހެނުންނާއި، ކުޑަކުދިންނާއި، ދަރިންނާއި މައިން ބަފައިންނާއި، ގާތް ތިމާގެ މީހުންނާއި، ސްކޫލްތަކުގެ ދަރިވަރުން ވެސް ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ މިއަދު ގޭގެ އާއި އެފަދަ އެހެނިހެން ވެށިތަކުގެ ތެރެއިން އަނިޔާ އާއި، ޖިންސީ ފުރައްސާރަ އާއި، ގޯނާތައް އިތުރުވަމުން ދަނީ، ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެެވެ. އެގޮތުން އެންމެ ގާތް މީހާގެ މީހާގެ މައްޗަށް ވެސް މިއަދު އިތުބާރެއް ނުކުރެވޭ ކަމަށެވެ.

ހުތުބާގައި ބުނީ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް، ގޯނާއެއް، ތުރާލެއް ކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި އަސާސެއް  ކަމުގައިވާ އޯގާވެރިކަމާ އަރާރުންވާ
ކަމެއް ކަަމަށާއި ޝަރުޢީ ނައްޞުތަކަށް ބަލާ އިރު، ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކުޑަ ކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި އެއުރެން ހޯދައިގަތް ކުށަކާ ނުލައި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް އުނދަގޫކުރާ މީހުން
(ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ ބުހުތާނު ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ"

ހުތުބާގައި ބުނިގޮތުގައި ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި ހުސް ވަގުތު ބޭކާރު ގޮތުގައި ވޭތިކުރުން ހިމެނެއެވެ. ވަގުތަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު
ނިޢުމަތެއް ކަަމަށާއި ހެޔޮ ގޮތުގައި އޭގެ ބޭނުން ނުހިފައިފި ނަމަ، ޝައިޠާނާ އޭނާގެ އަތުގައި ހިފައި، ވަގުތުގެ ބޭނުން ނުބައި ގޮތުގައި ހިފާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

"މާތް ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ ދެ ނިއުމަތަކާ މެދު ފަރުވާ ކުޑަ ކުރާ ދެ ނިއުމަތެއް ވެއެވެ. އެއީ ސިއްހަތާއި، ހުސްވަގުތެވެ. ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި މަސްތުވާ ތަކެތި ވެސް ހިމެނެއެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސާސެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ޝައިޠާނާ
އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވަތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަ ކުރުމާއި، ނަމާދު
ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ،ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)" މި ބަސްފުޅުން ކަށަވަރުވާ ގޮތުގައި،
މަސްތުވާތަކެތީގެ ސަބަބުން މީހާގެ އީމާންކަން ނިކަމެތި ވެގެން ދާނެއެވެ. ޝައިޠާނާގެ ޝިކާރައަކަށް އޭނާ ވާނެއެވެ. ޝައިޠާނާގެ ދަލުގައި ޖެހިއްޖެ ނަމަ، ނުކުރާނެ ނުބައިކަމެއް ނޯންނާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މުސްލިމެއްގެ އަބުރާއި، އިއްޒަތާއި، ޢިއްފަތްތެރިކަމާއި، އޭނާގެ ލެޔާއި، މުދަލަކީ، މާތް ﷲ ޙުރުމަތްތެރި ކުރައްވައި، ޙިމާޔަތް ކުރައްވާފައިވާ ތަކެތިކަން ފާހަގަކޮށް ހުތުބާގައި ބުނީ ދޭދޭ އަފްރާދުންގެ މެދުގައި ހިނގާ އަނިޔާގެ ޢަމަލުތަކުގެ ސަބަބުން، އިޖްތިމާއީ ފޭރާން ވީދި، މުޖްތަމައުގައި އޮންނަ ސުލްހަމަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން، ކަމާބެހޭ މުއައްސަސާތަކުން ތިބެގެން ނުވާނެ ކަމަށެވެ. އަދި މުޖްތަމައުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެން ދާތަން ބަލަން ނުތިބެ، ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެެވެ. މި ކަމުގައި ފަރުވާ ކުޑަކޮށްފި ނަމަ، މުޖްތަމަޢުގައި އަރާރުންތައް އުފެދި، ދީނީ ގޮތުން ހުއްދަ ނުކުރާ، އެތަކެއް އަމަލުތަކަކަށް، މަގުފަހިވެގެން ހިނގައިދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް