ads
ރިނބުދޫ ހިތްފަސޭހަ ހިޔާ.. ފޮޓޯ/ޒެން މޯލްޑިވްސް
ރިނބުދޫ ހިތްފަސޭހަ ހިޔާ އިން މުޅި ރަށަށް ފިނިކަން!
މިދިޔަ ބުރާސްފަތު ދުވަހަކީ ރިނބުދޫ އަށް ތާރީހީ ދުވަހަކަށް ވާނެކަން ޔަގީނެވެ. ރަށާއި ރަށުގައި ދިރިއުޅޭ އެންމެންގެ ހިތްތަކަށް އެތައް ގޮތަކުން ފިނިކަން ގެނުވި ދުވަހަކަށް ވާނެއެވެ. އެރަށުގައި "ހިތްފަސޭހަ ހިޔާ" ގެ ނަމުގައި މައިޒާނެއް ހަދައި، އާންމުންނަށް ހުޅުވާލީ އެފަދަ ތަނަކަށް އާންމުން އިންތިހާއަށް ބޭނުންވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން މި ދެ ދުވަހު އެތަނުގެ ބައެއް ފޮޓޯތައް ފެނުނު އިރު ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ރޭގަނޑުގެ ވަގުތުގައި ހިތްފަސޭހަ ހިޔާ ތަފާތު ކުލަތަކުން އޮންނަނީ ދިއްލާލާފައެވެ.

ރަށުގެ އެތައް ބަޔެއްގެ ހިތަށް މިކަމުން ފިނިކަން ގެނެސްދިން އިރު ހަގީގަތުގައި ވެސް ވަރަށް ހިތްގައިމެވެ. ރަށުގެ ބޮޑު މަގެއްގައި ސްކޫލްގެ ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ މިތަނުން އެތައް ދަރިވަރުންނަކަށާއި ބެލެނެވެރިންނަކަށް ވެސް ލިބެންފެށީ ހިތްހަމަޖެހުމާއި އުފާތަކެކެވެ.

your imageރިނބުދޫ ހިތްފަސޭހަ ހިޔާ.. ފޮޓޯ/ޒެން މޯލްޑިވްސް

ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ، މިއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ އެރަށަށް އަލަށް އިންތިހާބުވި މިނިވަން ފަސް ކައުންސިލަރުންގެ ކެންޕެއިން ވައުދެއް ކަމަށާއި ﷲގެ ރަހުމަތްފުޅާއެކު މިއަދު އެ ވައުދު ވެސް ފުއްދައިދީ އެތައް ބައެއްގެ އެދުން ފުރިހަމަ ކޮށްދެވިއްޖެ ކަމަށެވެ.

ހިތް ފަސޭހަ ހިޔާ ހަދާފައި އެހުރީ އެރަށުގައި މީގެ އެތައް އަހަރެއް ކުރިން ފެން އެޅުމަށް ކަޅު ހަންތަކެއް ބަހައްޓާފައިވާ ތަނެއްގައެވެ. އެތަނުގައި ސައިކަލު ފަދަ އުޅަނދު ޕާކުކުރުމަށް ވަކި ހާއްސަތަނެއް ވެސް ހަދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

"އެއީ ކަޅު ހަންތަކެއް ބަހައްޓާފަ ހުންނަ ތަނެއް، ސްކޫލް ކުރި މައްޗަށްވާގޮތަށް ހުންނާނީ، ދެން ދަރިވަރުންވެސް ބެލެނިވެރިންވެސް ގޮސް އެތާ އޭރު ތިބޭނީ ތޮއްޖެހިފަ ކަހަލަ ގޮތަކަށް، ކައުންސިލުން ޕްލޭންތަކެއް ހަދާފަ ނިންމެވީ މިއަށްވުރެއް ހިތް ފަސޭހަ ގޮތަކަށް މިތަން ބަދަލު ކުރަން" އޭނާ ވިދާޅުވިއެވެ.

your imageރިނބުދޫ ހިތްފަސޭހަ ހިޔާ.. ފޮޓޯ/ޒެން މޯލްޑިވްސް

އޭނާ އިތުރަށް ވިދާޅުވީ، ރަށުގައި ތަރައްގީ ކުރެވުނު ހިތްފަސޭހަ ހިޔާގެ ސަބަބުން އެތަނުން މިހާރު ފެންނަނީ އުފާވެރިކަން ކަމަށެވެ. ސްކޫލް ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ އިތުރުން ރަށުގެ ކުދި ބޮޑު މީހުންނަށް ވެސް އެތަން ބޭނުން ކުރެވެމުންދާ ކަމީ މިއަދު އެރަށު ކައުންސިލުން ނިހާޔަތަށް އުފާކުރާކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރިނބުދޫގައި ހެދި ހިތް ފަސޭހަ ހިޔާއާއެކު ވަކި ބަޔަކު އެއީ ނިމިދިޔަ ކައުންސިލްގައި ހަދަން ނިންމި ތަނެއްގެ ކަމުގައި ވާހަކަތަކެއް ފެތުރި ނަމަވެސް ހުޅުވުނު އެ މައިޒާނަކީ ސީދާ މި ފަހުން އައި ކައުންސިލްގެ ބަޖެޓުން ހުރިހާ ޕްލޭނެން ކޮށްގެން ހަދައި ނިންމި ތަނެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސީއެންއެމް އަށް ވާހަަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް ވިދާޅުވީ، ކައުންސިލް އެކަތި ގަނޑަކަށްވެ ފުރަތަމަ ކުރެވުނު މި ބޮޑު މަސައްކަތުގެ ސަބަބުން ރަށުގެ އިޖުތިމާއީ ރޫހު ވަރުގަދަ ވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. 

your imageހިތްފަސޭހަ ހިޔާ ހެދި ތަން ކުރިން…

ހަތަރު މަހަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށްފަހު ހުޅުވި ހިތްފަސޭހަ ހިޔާ އަކީ ކައުންސިލް އަށް އެތައް ފަރާތަކުން އެހީތެރިކަންވެސް ފޯރުކޮށްދީގެން ހެދި ތަނެއް ކަން އިގްބާލް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފަވަލަ ޑެކާ ޕެއިންޓާއި އާވީ ނޭޗާ ޕެރެޑައިސް ރިސޯޓް އަދި ޔުނީކް ޓެކް މޯލްޑިވްސް ފަދަ ތަންތަނުންނާއި ހެޔޮއެދޭ ފަރާތްކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އިގްބާލް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ރަަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެހެނިހެން ފަރާތްތަކުގެ ވެސް ހިތް ހަމަ ޖެހޭ ގޮތަށް "ޖުވެލާސް އައިލެންޑް" ގޮތުގައި މަޝްހޫރު ރިނބުދޫގެ މަގުތައް ހަދާފައިވާ އިރު މި ހުޅުވި ހިތްފަސޭހަ ހިޔާ ވެގެންދާނީ އެފަދަ މީހުންގެ ލޯތައް އެތަނަކަށް އަމާޒުވެ ހިތް ހަމަޖައްސާލަން އެތާ މަޑުކޮށްލާނެ ވަރުގެ ތަނަކަށެވެ. ޔަގީނުންވެސް ހިތްފަސޭހަ ހިޔާއާއެކު މުޅި ރިނބުދޫއަށް ފިނިކަން ލިބިއްޖެއެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް