މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އޮނަރބަަލް އުމަރު ޒާހިރަށް ވަނީ އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް މާލޭ ސިޓީ ކައުންސިލުން ދޭ ހާއްސަ އެވޯޑެއްވެސް ދެއްވާފައެވެ.
އޮނަރަބަލް އުމަރު ޒާހިރަށް އެ އެވޯޑް ދެއްވީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގެ ފޮޓޯ އަކާއެކު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށާއި ތަރައްގީ ގެނެސްދެއްވުމަށް އޮނަރަބަލް އުމަރު ޒާހިރު ކުރެއްވި ހިދުމަތުގެ އަގު މާލޭ ސިޓީ ކައުންސިލުން ވަޒަން ކުރެވޭ ކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
އޮނަރަބަލް އުމަރު ޒާހިރަކީ މާލޭގެ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާ ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީން ގެ ލަގަބް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އޮންރަބަލް އުމަރު ޒާހިރަކީ މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އަދި ރާއްޖޭގައި ކުޅިވަރަށް އޮންނަ އަހައްމިޔަތުކަން އިތުރުކޮށް ކުޅިވަރު ދިރުވާ އާލާ ކުރުމަށް ވެސް އެބޭފުޅާ ގިނަ ގުނަ ހިދުމަތްތަކެއް ވެސް ކުރެއްވި ކަން ފާހަގަކޮށްލެވެއެވެ.