ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި، ބީއެމްއެލް އިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
މިއަދު ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ވަނީ ނިންމާލެވިފައި ކަމަށެވެ.
ބޭންކިން ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑުން އެއީ ދުނިޔޭގެ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޭންކަށް އަންދާޒާ ކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަން އަންގާފައި ކަމަށެވެ.
އެހެން ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަދިމާވަމުންދާ ކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން މި މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް ބޭންކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ދޭތެރެ ދޭތެރެއިން ބޭންކުގެ ހިދުމަތަށް ބުރު އަރާތީ އާންމުންނަށް އަންނަނީ އެކަމުގެ އުނދަގޫ ފޯރަމުންނެވެ. މިކަމާއި ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބޭންކުގެ ބަޔާނުގައި ބުނެފައިވަނީ އަޕްގްރޭޑިންގެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ދެނެގަނެވޭ ކަމަށާއި ދިމާވާ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.