ads
ގައްދޫގެ ރާޅާއެޅުންތެރިން ރައީސް އާއި އެކު ފޮޓޯ: ފޭސްބުކް
ގައްދޫގެ ރާޅާއެޅުންތެރިން ރާއްޖެ ސިއްސުވާލައިފި
ގައުމަށާއި އަމިއްލަ ފަސްގަނޑަށް ރީތިނަން ހޯދައިދިނުމަކީ އެކަނި މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަދި ވަކިން ހާއްސަކޮށް ފުރަމާލޭގައި ބޭއްވޭ އެކިއެކި ހަރަކާތްތަކުން އަތޮޅު ތެރޭގެ ހުންރުވެރިން ހޯދަމުންދާ ކާމިޔާބީއަކީ ވަރަށްވެސް ޖަޒުބާތީ ކާމިޔާބީއެކެވެ.
Advertisement

ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ވާދަކުރާ ހުރިހާ ޓީމްތަކުގައިވެސް ގިނައީ އަތޮޅު ތެރެއިން އުފަންވެފައިވާ ކުޅުންތެރިންނެވެ. މިއީ އާދައިގެ ޝަރަފެއްނޫނެވެ. މާލޭގައި ބާއްވާ މުބާރާތްތަކުން އަތޮޅު ތެރެއަށް ފުރުސަތު ދީފިނަމަ އެމުބާރާތެއްގެ ރަންވަނަތައް ގެންދާނީ އަތޮޅު ތެރޭގެ ކުދިންކަން ކަށަވަރެވެ.

ރާއްޖޭގައި މޫދު ކުޅިވަރަކީ މިހާރު އެންމެ ފޯރިއާއިއެކު ކުރިއަށްދާ ތަފާތު ހަރަކާތެކެވެ. މޫދުކުޅިވަރުގެ ތެރެއިންވެސް ސާފިން ( ރާޅާ އެޅުން ) އަކީ މިހާރު ރާއްޖޭގައި އެންމެ ވައިގައި ހިފަމުން އަންނަ އެއްކުޅިވަރެވެ. ތަފާތު މޮޅުކޮށް ތަފާތު ވައްޓަފާޅިއަށް ރާޅާ އަލާ ކުދިން ރާއްޖޭގައި އެހާމެ ގިނައެވެ. ރާއްޖެއިން ބޭރުގައި ބޭއްވޭ މިފަދަ މުބާރާތް ތަކުގައިވެސް ދިވެހިން އެދަނީ ދިދަ ޖަހަމުންނެވެ.  ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ރީތި ސާފިން ޕޮއިންޓްތަށް ހުންނަ ތަނެކެވެ.  

2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ގައުމީ ސާފިން ޗެމްޕިއަންޝިޕަކީ މޮޅެތި ރާޅާއެޅުންތެރިން ރާއްޖެއަށް ތައާރަފް ކޮށްދޭ މުބާރާތެކެވެ.

އެހެންނަމަވެސް މިފަހަރު ބޭއްވުނު މުބާރާތް ރީބްރޭންޑްކޮށް ފޯރިގަދަ ވަރުގަދަ މުބާރާތަކަށް ހެދިއެވެ. މިއީ ގައުމީ ކުޅިވަރެއްކަން ދައްކުވައިދިނެވެ. މަންޒަރު ފެނުނީވެސް ހަމައެގޮތަށެވެ. މިފަހަރު ބޭއްވުނު މުބާރާތް ބޮޑެތި ބަދަލުތަކާއި އެކު ބާއްވާފައިވަނީ " ސީ ސްޕޯޓްސް ރަންނަމާރި ޗެލެނެޖް " ގެ ނަމުގައެވެ.

ގދ ގައްދޫގެ ޓައިގާ ވޭވްސް ސްޕޯޓްސް އަކީ މިފަހަރު މުބާރާތުގައި އެއްރަށަކުން އެންމެ ތަފާތު ދެއްކި އެއްޓީމެވެ. 18 އަހަރުން ދަށުގެ ދެ ބައިވެރިންނާއިއެކު ޖުމްލަ ދިހަ މީހުންގެ ޓީމުން ދައްކައިދިނީ ތަފާތު މޮޅު އުކުޅު ތަކެވެ.

2009 ވަނަ އަހަރުން ފެށިގެން ވުޖޫދަށް އައި ޓައިގާ ވޭވްސް ސްޕޯޓްސްއަކީ ގދ ގައްދޫގެ ރާޅުގަނޑު ސަރަހައްދުން ރުކުރުވާލެވުނު ޓީމެކެވެ. ޓީމްގެ ގިނަ މެމްބަރުންނަކީ މޫދަށް މަރުދޭ ޒުވާނުންތަކެއްގެ މައްޗަށް ބިނާވެފައިވާ ޓީމްއެކެވެ.

ރަންނަމާރި ޗެލެންޖް އިއުލާން ކުރުމާއި އެކު މުޅިރަށުގެ ރޫހު އޮތީ މި މުބާރާތަށް ހުސްވެފައެވެ. ރަށުގެ ހުރިހާ ރައްޔިތުން ޓީމަށް ހިތްވަރު ދިނުމަށް އަވަސްވެގަތެވެ. ދިހަ ބައިވެރިންނާއި އެކު މާލެ ސިޓީއަށް ޓީމު ދިޔައީ ރަށަށް ރީތި ނަމެއް ހޯދައިދިނުމުގެ ފުރިހަމަ އަޒުމުގައި ކަން ޓީމްގެ މެމްބަރުންގެ ފަރާތުން ފެންނަން ފެށިއެވެ.

" އަޅުގަނޑުމެންގެ ޓީމް މާލެއައީ، ވަރަށް ބޮޑު އަޒުމަކާއި އެކު، ޓީމްގެ ހުރިހާ މެމްބަރުން ތިބީ ނުގުޑާފަދަ އަޒުމެއްގައި " ޓައިގާ ވޭވްސް ސްޕޯޓްސްގެ އިސް މެމްބަރަކު ސީއެންއެމަށް މައުލޫމާތު ދެއްވިއެވެ.

ގައުމީ ސާފިން ޓީމްގައި ގައްދޫގެ ތިން ކުޅުންތެރިން

މިފަހަރު ބޭއްވުނު މުބާރާތުން ފެނުނު އެންމެ އަޖައިބުކުރުވަނިވި އެއްކަމަކީ ރޭކިންއަށް ބަލާއިރު ގައްދޫގެ ތިން ރާޅާ އެޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބުމެވެ. ރާއްޖޭގެ ގައުމީ ރާޅު ޓީމަކީ 4 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މިޓީމުގައި ގައްދޫގެ ތިން ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ. މިއީ އާދައިގެ ކާމިޔާބެއް ނޫނެވެ. 

އިސްމާއީލް ރަޝީދު ( ސްމައިލީ )

އިސްމާއީލް ރަޝީދު ( ސްމައިލީ ) އަކީ ޓައިގާ ވޭވްސް ސްޕޯޓްސްގެ އެންމެ އިސްމެމްބަރެވެ. ސްމައިލީ އަކީ ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ގައުމީ ސާފިން ޗެމްޕިއަންޝިޕުގެ ޝޯޓްބޯޑްގެ ޗެމްޕިއަނެވެ. މިފަހަރު ބޭއްވުނު މުބާރާތުގެ ކުއާޓާ ފައިނަލް އިވެންޓްގައި ސްމައިލީ އަށް ނާކާމިޔާބުވީ، ހީޓް 1 ގައި، އަހްމަދު އާގިލްއާ ވާދަކޮށެވެ. ވަރަށް ވާދަވެރިކޮށް ޕޮއިންޓްތައް ބެހިގެން ދިޔަ ހީޓް އާގިލް ކާމިޔާބު ކުރީ 9.50 ޕޮއިންޓުންނެވެ. ސްމައިލީ އަށް ލިބުނީ 9.10 ޕޮއިންޓެވެ.

އެހެންނަމަވެސް ރޭންކިން ތަރުތީބު ކޮށްލާއިރު ސްމައިލީ ވަނީ ރާއްޖޭގެ ސާފިން ގައުމީ ޓީމުން ފުރުސަތު ހޯދާފައެވެ.

" މިއީ އަޅުގަނޑުގެ ހުވަފެން ހަގީގަތަކަށް ވުން. ކުރިން އަޅުގަނޑު އެކަނި ރަށުން ގައުމީޓީމްގައި އިންނާނީ. މިހާރު ތިން މީހުންނާއި އެކު ގައުމީޓީމު ތަމްސީލު ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ މުޅިރަށަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އުއްމީދު ކުރަނީ ފެބްރުއަރީ މަހުގައި ރަށުގައި ބާއްވާ މުބާރާތުން ކާމިޔާބު ތަކުރާރުކުރުން. ސީއެންއެމަށް ދިން އިންޓަވިއުގައި ސްމައިލީ ބުންޏެވެ.

ހޫދް އަހުމަދު

ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް ޗެމްޕިއަންކަން ހޯދި ހޫދް އަހްމަދު (ހޯޖިބޭ ) އަކީ 2019 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ރަނަރަޕެވެ. އެހެންނަމަވެސް މިއަދު ހަވީރު ކުރިއަށް ގެންދިޔަ ފައިނަލް ހީޓް ހޫދު ވަނީ ކާމިޔާބުކޮށްފައެވެ. ހޫދު މި ހީޓު ކާމިޔާބު ކުރީ 10.26 ޕޮއިންޓުންނެވެ. ހޫދު އާއިއެކު ފައިނަލްގައި ވާދަކުރީ އަހްމަދު އާގިލް (އައްމަޑޭ ) އެވެ. ވާދަވެރިކޮށް ދިޔަ ފައިނަލްގައި އައްމަޑޭ ވަނީ 8.60 ޕޮއިންޓް ސްކޯކޮށްފަ އެވެ.

މިކާމިޔާބީ އާއި އެކު ހޫދުވެސް ވަނީ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ހިމެނިފައެވެ. މިއީ ގައުމީ ސާފިން ޓީމުގައި ހިމެނުނު ގައްދޫގެ ދެވަނަ މެމްބަރަވެ. މި ކާމިޔާބީ ސިފަ ކުރާނީ ކިހިނަކުންތޯ ސުވާލު ކޮށްލީމެވެ.

" އަލްހަމްދުލިއްލާހި، މިއީ ލައިފް ގަ އަންނަ އެންމެ އުފާވެރި އެއްދުވަސް. ވަރަށް ބޮޑަށް އުފާވެއްޖެ. 2019 ވަނަ އަހަރު ނޮވެމްބަރ 29 ގައި އަޅުގަނޑަށް 2 ވަނަ މި ލިބުނީ. މިއަހަރު ނޮވެމްބަރ 29 ގައި މި ލިބުނީ އެއް ވަނަ. މި އުފާވެރި ވަގުތު ބުނެދޭންވެސް ދަތި. އަދި މި އުފާވެރި ވަގުތު އެންމެ ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވަނީ ރަށުން ތިން ކުޅުންތެރިޔަކު ގައުމީ ޓީމްގައި ހިމެނުން. މިއީ ހިސްޓްރީ މޭކްވުން ކަހަލަ ކަމެއް. ގައްދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް މިއީ. މި ފުރުސަތުގައި ގައްދޫގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން. މިއީ މުޅި ގައްދޫއަށް ހޯދި ކާމިޔާބީއެއް "  ހޫދު ބުންޏެވެ. 

ނަޖާހު މުހައްމަދު ( ކަނބޯ )

މިއީ މިފަދަ މުބާރާތެއްގައި ނަޖާހް ބައިވެރިވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ސާފިންގައި އަބަދުވެސް އުޅޭ ނަޖާހް ވަނީ ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ސީނިއާ ޝޯޓްބޯޑް ކެޓެގެރީން ބްރޯންޒް މެޑަލް ހޯދާފައެވެ. 

 ނަޖާހް މުހައްމަދު އާއި އަބްދުﷲ އަރީފް (ފުކު) ވާދަކުރި ހީޓްގައި ދެ ބައިވެރިން ވެސް ޕޮއިންޓްގެ ގޮތުންވީ ހަމަހަމަ އެވެ. ނަޖާހު އާއި ފުކު ވެސް ވަނީ، ކޮންމެ ބައިވެރިޔަކު 10.60 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެކަމަކު ނަޖާހް ބްރޯންޒް މެޑަލް ކާމިޔާބު ކުރީ ހަތް ރާޅުން އެވަރަށް ސްކޯކޮށްގެންނެވެ. ފުކު އެ އަދަދަށް ސްކޯކުރީ އަށް ރާޅުންނެވެ. 

މި ލިބުނު ކާމިޔާބީ ސިފަކުރާނީ ކިހިނަކުންތޯ ސުވާލުކޮށްލުމުން ނަޖާހް ބުނީ " މިއީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް. މިއީ އެންމެ ކުޑައިރުއްސުރެ ކުރަމުން އައި މަސައްކަތް.  ޒުވާން އުމުރުގައި ރަށަށް ރީތި ނަމެއް ހޯދައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ވަކިން ހާއްސަކޮށް ގައުމީ ޓިމް ތަމްސީލު ކޮށްލަން ލިބުމަކީ ހިތަށް ގެންނަންވެސް އުނދަގޫ އެހާމެ އުފާވެރި ވަގުތު ކޮޅެއް،" އުފަލުން ފޮޅިފައިހުރެ ނަޖާހް ބުންނެވެ. 

މިއީ މިހާތަނަށް ރާއްޖޭގެ ގައުމީޓީމެއްގައި އެއްރަށަކުން އެންމެ ގިނަ ބައިވެރިން ހޮވާލެވުނު ޓީމެވެ. ގދ ގައްދޫއަކީ ރާޅާއެޅުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ރަށެކެވެ. ރާއްޖޭގެ ރީތި ސާފިން ޕޮއިންޓް ތެރޭގައި ގައްދޫ ކަނޑުއޮޅި ހިމެނިފައިވެއެވެ. ކޮންމެ އަހަރަކުވެސް ގައްދޫގައި ސާފިން މުބާރާތްތައް ކުރިއަށް ދިއުމަކީ މިކަމަށް އެރަށުން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ. އަޅުގަނޑުމެން އެދެނީ ގައްދޫގެ ރާޅާއެޅުންތެރިންނަށް ކާމިޔާބު ދުވަސްތަކެއް ލިބުމެވެ.

89%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް