ads
ފޮޓޯ/އިނާޝާ،ކަނޑުހުޅުދޫ އަށް އުފަން ހީވާގި ކަބަލެއް
ކަނޑު ހުރަސްކޮށް އިނޫގެ މީރު ޕިއްޒާ އެހެން ދިމަދިމާލަށް!
ގއ. ކަނޑުހުޅުދޫ އަށް އުފަން މަރިޔަމް އިނާޝާ (އިނޫ) އަކީ ފަހުގެ ޖީލުގައި ކަނޑުހުޅުދޫ އަށް އުފަން ހީވާގި ހިންގުންތެރި ފިސާރި ކަބަލެކެވެ. އޭނާގެ އުފެއްދުންތަކުން އޭނާ ދަނީ އެހެން އަންހެން ކަބަލުންނަށް ނަމޫނާ ދައްކަމުންނެވެ.
Advertisement

މީގެ 13 އަހަރު ކުރިން 2008 ވަނަ އަހަރު އޯލެވެލް ނިންމި އިރު ވަޒީފާއަކަށް ދިއުމުގެ ވިސްނުމެއް ނެތްކަމަށް އިނާޝާ ބުންޏެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ، ހަޔާތުގެ ބަައިވެރިއަކާ އެއްކޮށް ދިރިއުޅުމެއް ފަށައި، ދިރިއުޅުމުގެ ހުންގާނުގައި ހިފަން ޖެހުނީ އިނާޝާ އަށެވެ. ކައިވެންޏަށް 12 އަހަރުވެފައިވާއިރު ހަގީގީ ދިރިއުޅުމަކީ އުފާވެރި ޒަވާޖީ ހަޔާތެއް ކަމަށް އިނޫ ބުންޏެވެ. އިނޫ އަކީ މިއަދު ނަމޫނާ މަންމަ އެކެވެ.

your imageއިނާޝާގެ އަތްތެރި މަސައްކަތުގެ ތެރެއިން

އިނޫ އަކީ ކޭކް އެޅުމާއި ޕިއްޒާ ތައްޔާރު ކުރުމުގެ އިތުރުން އަތްތެރި މަސައްކަތުގައި ވެސް އަރާ ހުރި މޮޅު އަންހެނެކެވެ. ރަށުގެ އިޖްތިމާއީ ކަންކަމުގައި ވެސް ވަރަށް ހީވާގިކަމާއެކު ބައިވެރިވަމުން އަންނަ އިނޫ އަކީ އިޖްތިމާއީ މަސައްކަތުގެ އާރުކާޓީ އެކެވެ. ފިރިމީހާއަށް ބަރޯސާނުވެ އަމިއްލަ މަސައްކަތުން ދިރިއުޅުން ބައްޓަން ކުރަން ކެރުނު ފިސާރި ކަބަލެކެވެ. 

your imageއިނާޝާގެ/މީރު ޕިއްޒާތައް

" ފިރިމީހާ ދަނީ މަހަށް. މަސް ބާނާ ފަހަރަށް ވުރެ ނުބާނާ ފަހަރު ގިނައީ.  ދަރިންގެ ކަން ކަން ބަލަހައްޓަމުން ލިބޭ ލާރިން ދެކޮޅު ނުޖެހުނު ހިސާބުން ވަޒީފާއަށް ދާން ވިސްނިން. އެކަމަަކު ދަރިންގެ ކަންކަން ބަލަހައްޓަމުން ވަޒީފާއަކަށް ދިއުމަކީ އެހާ ރަނގަޅު ހިޔާލެއް ކަމަށް ނުވިސްނުނު. ދެން ވިސްނީ ގޭގައި ހުރެގެން ކުރެވޭނެ ރަނގަޅު މަސައްކަތެއް ހޯދަން،" ދެ ކުދިންގެ މަންމަ ބުންޏެ އެވެ.

އިނޫ ކޭކް އަޅަން ފެށީ ގޭގައި ހުރެގެން ކުރެވޭނެ އެންމެ ރަނގަޅު މަސައްކަތަކީ ކޭކް އެޅުން ކަމަށް ގަބޫލުކޮށްގެންނެވެ. ކޭކް އަޅަން ފެށި އިރު ކޯހެއް ވެސް ނުހެދި ނަމަވެސް ޔޫޓިއުބުން ކޮންމެ ވެސް ވަރަކަށް ވީޑިއޯ ބަލައި ކޭކް އަޅަން ދަސްކުރެވޭތޯ އިނޫ ބެލި އެވެ.

your imageއިނާޝާގެ ރީތި ކޭކް ތަކުގެ ތެރެއިން

"ފުރަތަމަ ގޭގެ ކުދިންނަށް ކޭކް އެޅީ. ދެން ކޭކްތައް ރީތިވެގެން ރަށުގެ އެކި މީހުންގެ އޯޑަރުތައް ލިބެން ފެެށީ. އެހާހިސާބުން ވައިބާ ގުރޫޕް އެއް ހަދާފައި ޕިއްޒާވެސް ހަދަން ފެށީ،" މަސައްކަތް ފުޅާވެގެން ދިޔަ ގޮތް ކިޔައިދެމުން އުމުރުން 31 އަހަރުގެ ހުނަރުވެރިޔާ ބުންޏެ އެވެ.

އިނޫގެ ކޭކާއި ޕިއްޒާއަށް ރަށުން ލިބުނު ތަރުހީބު ބޮޑުވެގެންދިޔަ އިރު ޕިއްޒާއަށް ރަށުން ބޭރުގެ އޯޑަރުތައް ވެސް ލިބެން ފެށި އެވެ. އިނޫގެ ރަށްކަމަށްވާ ކަނޑުހުޅުދޫ ކައިރީގައި އޮންނަ މާވާރުލު އެއާޕޯޓުގެ މުއައްޒަފުންނަށް އިނޫގެ ރަހަތައް މީރުވެގެން އޭނާ ތައްޔާރުކުރާ ޕިއްޒާ އެއާޕޯޓް މުވައްޒަފުން ގެންދަން ފެށި އެވެ.

މިހާރު ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް  އިނޫގެ ޕިއްޒާ، މާވާރުލު އެއާޕޯޓުގެ މުއައްޒަފުންނަށް ގެންދެ އެވެ. އެމީހުން ބުނާގޮތުން އިނޫގެ ރަހަތަށް އެއީ ހަމަ އެއްވަނަ އެވެ. 

އެ މަސައްކަތުން އިނޫއަށް ފައިދާވަނީ ކިހާވަރެއްކަމެއް ހާމަަކުރަން ބޭނުންނުވި ނަމަވެސް އޭނާ ބުނީ އެ މަސައްކަތުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ވަރަށް ރަނގަޅަށް ދެކޮޅު ޖެއްސޭކަމަށެވެ. 

އިނޫގެ ދެކުދިންނާއެކު އޭނާ ދިރިއުޅެނީ މައިންބަފައިންގެ ގޭގަ އެވެ. އެ ގޭގައި އިނޫގެ އާއިލާގެ އިތުރުން ތިން ފެމެލީއެއް ދިރިއުޅެ އެވެ. އެހެންކަމުން އިނޫ ބޭނުން ވަނީ ރަށުން ގޯއްޗެކެވެ. އަމިއްލަ ވަންތަ ދިރިއުޅުމެކެވެ. އަމިއްލައަށް ކުރާ މަސައްކަތް ކުރެވޭނެ ވަރުގެ ޖާގަ ހުރި ތަނެކެވެ. މި ފަހުން ވަނީ ކައުންސިލުން ގޯއްޗަށް އިއުލާން ކޮށްފައެވެ. 

"އަދި ނޭނގެ ގޯއްޗެއް ލިބޭނެ ކަމެއް. އެކަމަކުވެސް މި ބަލަނީ ލިބޭނެ ކަމަށް. ގޯއްޗެއް ލިބިޖެނަމަ އިނޫ ބޭނުން ވަނީ ގޯތީގައި ގެ އަޅައިގެން އެ ގެއަށް ބަދލުވެ މަސައްކަތް ފުޅާކުރަން،" އިނޫގެ އުއްމީދުތައް ހިއްސާ ކުރަމުން ބުންޏެވެ.

އުފާވެރި ދިރުއުޅުމަކަށް ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. ފައިސާ ހޯދުމަކީ ހަމައެކަނި ވަޒީފާއަކުން ލިބޭ އެއްޗެއް ނޫންކަން މިއަދު އިނޫ ވަނީ ސާބިތު ކޮށްދީފިއެވެ. އެއީ ލިބިފައިވާ ހުނަރާއި އެމީހެއްގެ ގާބިލުކަން ދައްކައިގެންނެވެ. އިނޫ ކުރާ މަސައްކަތުން ނަމޫނާ ނަގައިގެން ގޭގައި ތިބިގެން މަސައްކަތް ކުރަން ތިޔަ ކަަބަލުން އަތުކުރި އޮޅާލަމާ ހިނގާށެވެ. މިއަދު އިނޫ އަކީ ރަށުގައި ނަން ހިނގާލެވޭ ފިސާރި ނަމޫނާ އަންހެން ދަރިއެކެވެ.

95%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް