ތިން ގަޑިއިރު ސްޕްރީމް ކޯޓުގައި މިއަދު ގެންދިޔަ ޝަރީއަތް ޔާމީންގެ ކޮޅަށް ނިމި އެމަނިކުފާނު ގެކޮޅަށް ވަޑައިގެންނެވި އިރުވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުން ގައުމަށް ނަސްރު ލިބުނު ކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުންނާއި ގިނަ އަދަދެއްގެ އާންމުން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވިއިރު އެ ސަރަހައްދުންވެސް ފުލުހުންނާއި ސިފައިން ފެންނަން ތިބީ މަދު އަދަދަކަށް ކަމަށް ބައެއް އާންމުން އަންނަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ނޫސްވެރިން އެމްއެންޑީއެފްއާ ސުވާލު ކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައިނުވާތީ ޔާމީނަށް ސެކިއުރިޓީ ހަމަޖައްސަވާދެއްވާފައި ނުވީ ކީއްވެ ކަމެއް ސާފުވާގޮތެއް ވަނީ ނުވެފައެވެ.
މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިވެންގެ ބައްދަލުވުމެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން ވެސް ރައީސް ޔާމީންގެ ހަށިކޮޅަށް އަމާޒުކޮށް ދުނިޔެއިން ވަކިކޮށްލަން ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށާއި ބަންދުން ސަލާމަތް ވުމުން ވެސް އެމަނިކުފާނަށް ސެކިއުރިޓީ ހަމަ ޖައްސާފައިނުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޖަމީލު ވަނީ ފާޑު ވިދާޅުވެފައެވެ.
ޖުމްލަ 732 ދުވަހުގެ ބަންދަށް ފަހު ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލްކޮށް މިނިވަން ކުރީ މިއަދުގެ ޝަރީއަތުގައި ތިއްބެވި ފަނޑިޔާރު ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިޒުނައާ އެކުއެވެ.