އެ ކްލިނިކަކީ އަމިއްލަ ފަރާތްތަކުން ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވި ތަނެކެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން އެ ކްލިނިކުން ޖަނަވާރުތަކަށް ބޭސްފަރުވާގެ ހިދުމަތް ދިނުން ރަސްމީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެގޮތަށް އަމަލުކުރުމަށްފަހު ދެން ހަމަ އެކަނި ހިދުމަތްދޭނީ ސާޖަރީ ތަކަށް އެޕޮއިންމަންޓު ހައްދާފައި ހުރި ޖަނަވާރުތަކަށް އެކަނި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވެޓް ކްލިނިކު ބަންދުކުރަން ނިންމީ ޖަނަވާރުގެ ބޭސްފަރުވާގެ ހިދުމަތް ދިނުމަށް އަމިއްލަ ބައެއް ފަރާތްތަކުން ވެސް ވެޓެރިނަރީ ކްލިނިކް މިހާރު ގާއިމުކޮށްފައިވާތީ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިހާރުވެސް ވިލިމާލޭގައި ހަދާފައި ހުންނަ ވެޓް ކްލިނިކުން ހިދުމަތް މެދުކެނޑިފައިވާކަން ފާހަގަކޮށްލެވެއެވެ. އެތަނުން މިވަގުތު ހިދުމަތް ނުދެނީ އިމާރާތުގައި ކަތުރުފަނި އަޅައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އިމާރާތް މަރާމާތުކުރަމުންދާތީ އެވެ.