ads
ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުހައްމަދު މާދިން: އޭނާ ވަނީ އެ ބޯޑުން އިއްޔެ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ: ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ ބޯޑުން މާދިން ވެސް އިސްތިއުފާ ދެއްވައިފި
ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭނުންކޮށްގެން ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަތީފް ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޕެންޝަން އޮފީހުގެ ބޯޑު މެންބަރެއްގެ މަގާމަށް މާދިން ލަތީފް އައްޔަނުކުރީ 13 މެއި 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.

އޭނާ ބޯޑުން އިސްތިއުފާދެއްވި އިރު، ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު އެ އިދާރާގެ ޗެއާޕާސަން އަހުމަދު އިނާޒު ވެސް އިސްތިއުފާ ދެއްވި އެވެ. 

އެ ހުރިހާ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ، ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމުގެ މަސައްކަތް ޕެންޝަން އޮފީހުން ކުރިއަށް ގެންދަމުން ދަނިކޮށެވެ.

އެ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަމުން މިވަގުތު ޕެންޝަން ބޯޑުގައި ތިއްބެވީ ފަސް ބޭފުޅުންނެވެ. އެއީ ޕަބްލިކް ސެކްޓާ ތަމްސީލު ކުރާ ތިން މެންބަރުންނާއި ޕްރައިވެޓް ސެކްޓާގެ ދެ މަންދޫބުންނެވެ. 

ޕެންޝަން އޮފީހުގެ ބޯޑާއި ސީނިއާ ބައެއް މުވައްޒަފުން އިސްތިއުފާ ދެއްވާފައިވާއިރު، ކަންބޮޑުވުން އުފެދިފައިވާ މި މާލީ މުއާމަލާތާއި ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ގާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ.

ނަމަވެސް މި މުއާމަލާތުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ދިގު މުއްދަތުގައި ބޮޑެތި ނޭދެވޭ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އިގްތިސާދީ ތަޖުރިބާކާރުން އަންނަނީ ފާޅުކުރަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް