ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އެރަަށު ކައުންސިލް ރައީސް އަލީ ސިރާޖު ވިދާޅުވީ، ދަނޑުވެރިންގެ ބާޒާރު މާދަމާ ފަށާނެ ކަމަށާއި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު މި ބާޒާރު ބާއްވަން ގަސްދުކޮށްފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ، މިއީ ކައުންސިލް އާއި އެރަށުގައި އޮންނަ ދަނޑުވެރިންގެ ގްރޫޕަކުން އިންތިޒާމުކޮށްގެން ބާއްވަން ނިންމާފައިވާ ބާޒާރެއް ކަމަށެވެ.
މި ބާޒާރު ހުޅުވާނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރު ފަހު 15:45 އަކުން 17:45 އަކަށެވެ.
ސިރާޖު ވިދާޅުވީ ބާޒާރު ފަށާއިރު މަގުމަތީގައި މޭޒު ބަހައްޓައިގެން ތަކެތި ވިއްކާނެ ކަމަށާއި އާންމުންގެ ތަރުހީބު އޮންނަ ގޮތަކަށް ބަލައި، މި ބަޒާރު އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
“މިރަށު ދަނޑުވެރިން ހައްދާ ތަކެތި ވިއްކާނީ. ގަސްގަހުގަ އަޅާ ތަރުކާރީގެ ބާވަތްތައް ވެސް ވިއްކާނެ. އުންމީދު ކުރަނީ ބާޒާރު ވަރަށް ކާމިޔާބު ކަމާއެކު ދިއުން” ސިރާޖު ވިދާޅުވިއެވެ.
ނޭކުރެންދޫ ދަނޑުވެރިންގެ ބާޒާރު ބާއްވަން ނިންމި އެންމެ ބޮޑު މަގުސަދަކީ ދަނޑުވެރިން ދަނޑުތަކުގައި ހައްދާ ތަކެތި ހަމަ އަގުގައި ހަލާކުނުވެ ވިއްކުން ކަން ސިރާޖް ފާހަގަ ކުރެއްވި އެވެ.