ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޢަބްދުﷲ ޔާމީން
ލަކުޑިގަނޑު، މާވަޑިޔާގެ ހިތެވެ. ނިޔާ، ފަނޑިޔާރުގެ ހިތެވެ.
ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އުފުލުނު މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ސުޕްރީމް ކޯޓުގެ މި ނިންމުންވެގެންދިޔައީ އެތައް ގޮތަކުން ހައިރާންކަން ގެނުވި ނިންމުމަކަށެވެ.
Advertisement

ސުޕްރީމް ކޯޓުގެ ހުކުމަކަށް ފާޑެއް ކިޔަނީކީ ނޫނެވެ. އެހެންނަމަވެސް އޭނގައި އޮތް އެއްޗެއް، އާދައިގެ މީހަކަށް ދޭހަވާނެ ފަދަ ގޮތަކަށް ކުޑަކޮށް ހުލާސާކޮށްލެވޭތޯ ބަލައިލަނީއެވެ. ހަމައެކަނި އިލްމީ ބޭނުމެއްގައެވެ. ކޮންމެވެސް ވަރަކަށް ބަލައިލެވޭތޯ މި މަސައްކަތް ކުރަނީ "ހައިރާންކަން" ގެނުވި އެ ނިންމުމުގެ ދުވިސައްތަ ސާޅީސް އެއްވަނަ ޕޮއިންޓުން ފަށައިގެންނެވެ.

ދުވިސައްތަ ސާޅީސް އެއްވަނަ ޕޮއިންޓުގައި އޮތީ ކީކޭ؟

ކޮމާކޯޅީގައި މިނަކަލު ކުރަނީ އެ ޕޮއިންޓުގައި އޮތް ވާހަކައެވެ. އެއަށް ފަހު ތަފްސީލަށް ހިންގަވާށެވެ. "އެސް.އޯ.އެފް ކުންފުންޏަކީ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ބުނާގޮތުން އެކުންފުންޏަކީ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ދަންނަ ކުންފުންޏެއް ނޫނެވެ. ކަންމިހެން އޮތް ނަމަވެސް، އެކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްވަނީ އިންވެސްޓްކޮށްފައެވެ. މިފަދައިން އިންވެސްޓްކޮށްފައިވަނީ މި ފައިސާއަކި އަޙްމަދު އަދީބު ޢަބްދުލްޣަރޫފު ދިން ފައިސާއެއްކަމަށް ޤަބޫލުކޮށްގެން ކަމުގައި ޢަބުދުﷲ ޔަމީން ޢަބުދުލް ޤައްޔޫމު ބުނި ނަމަވެސް، މިއީ މިފައިސާ އާ މެދު ކަންތައް ކުރަންޖެހޭ ގޮތެއް ނޫނެވެ. އެހެނީ، މިފައިސާއިން އިންވެސްޓްކުރިއިރު، މިފައިސާގެ ޙަޤީޤަތާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި މިފައިސާ އާ މެދު ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެންގިހުރެ، މިފައިސާއިން އިންވެސްޓް ކުރުމަކީ، ތަޙްޤީޤު އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން ކުރާ ތަޙްޤީޤުތަކަށާއި، ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެއް ކަމުގައި ބެލެވޭ ޢަމަލެކެވެ."

your imageއަދީބް އަދި ރައީސް ޔާމީން

މި ޕޮއިންޓަކީ ފަނޑިޔާރުންނަށް ގަބޫލުކުރެވުނު ގޮތް ބުނެދީފައިވާ ޕޮއިންޓްތަކުން ޕޮއިންޓެކެވެ. އެގަބޫލު ކުރުންތަކާއި މަނީލޯންޑްރިން ޤާނޫނާއި އަދި ހުށަހެޅުނުކަމަށް އެރިޕޯޓްގައި ބަޔާން ކުރާ ހެކިތަކަށް ތަހުގީހީ ނަޒަރަކުން ފީނާ ބެލުމުން ހާމަވާ ކަންތައްތަކެއް އެބަ ހުއްޓެވެ.

މި ޕޮއިންޓުން ހާމަވަނީ ކޮން ކަމެއް؟ 

"އެސް.އޯ.އެފް ކުންފުންޏަކީ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ބުނާގޮތުން އެކުންފުންޏަކީ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ދަންނަ ކުންފުންޏެއް ނޫނެވެ." އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމުގެ އަލީގައި، އެސް.އޯ.އެފް ކުންފުންޏަކީ ޔާމީން ދަންނަ ކުންފުންޏެއް ނޫންކަން ވަނީ ކަނޑައަޅާފައެވެ. 

މަނީ ލޯންޑްރިންގް ޤާނޫނުގައި ނިޔަތް ދެނަގަނެވޭ ގޮތަކީ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި ވުމެވެ. މިހާލަތާ ގުޅޭ މިސާލެކެވެ. 

ކާސިމަކީ ރަށުގެ އެންމެން ދަންނަ، އާމްދަނީއެއް ލިބޭނެ މަސައްކަތެއްވެސް ނުކުރާ މީހުން ދީނީމާ ކައިގެން ނުދިނިއްޔާ ނުކައި އުޅޭ މީހެކެވެ. ކުއްލިއަކަށް، ސޭޓު ރަށުގެ ބޮޑު ފިހާރައި އިންދާ ކާސިމު ގޮސް އެ ދިއްކޮށްލީ މި ރައްކާކޮއްލަދޭށޭ ކިޔާފައި އެއްލައްކަ ރުފިޔާއެވެ. ސުވާލަކީ ސޭޓު އޭގައި ހިފާފަ ވަތްގަނޑަށް ލާނީ ހެއްޔެވެ؟ ނުވަތަ ހަވާލު ވުމުގެ ކުރިން ކާސިމާވޭ މީކޮންތާކުން ކާކު ދިން ރުފިޔާއެއްހޭ؟ މިސުވާލު ކުރާނީ ހެއްޔެވެ؟ 

ސަބަބުވެރި މިންގަނޑަކުން ބަލާއިރު، ސޭޓު އެފައިސާގައި ހިފުމުގެ ކުރިން ފަހުން މިބުނި ސުވާލު ކުރާނެއެވެ. ސަބަބަކީ އެސުވާލު ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ސޭޓަށް އޮތީމަ އެވެ. އެއީ ކާސިމަކީ ހައްދަވައިގެން އަތުން ފައިން މަސައްކަތެއް ނުކޮށް އުޅޭ މީހެއްކަމަށް ވުމެވެ. ކާސިމު ފައިސާ ގެނެސް ދިން އިރު، ފޮރުވަ ފޮރުވައިގެން ގެނައުމާއި، އެފައިސާ ގެނައިކަން އެއްވެސް މީހެއް ގާތު ނުބުނާށޭ ބުނިއިރު، އިއްޔެ ރޭ ރަށު އިންޖީނުގެ ފަޅާލި ހަބަރު ސޭޓަށް ވަނީ ލިބިފައެވެ. ކާސިމު އެގެނައި ފާއިސާއަކީ ކޮންގޮތަށް ހޯދި ފައިސާއެއް ކަމަށް ސޭޓަށް ހީވެދާނެ ހެއްޔެވެ؟ ނުވަތަ ގަބޫލު ކުރެވޭނެ ހެއްޔެވެ؟ ސޭޓަށް ގަބޫލު ކުރެވޭނީ އެއީ ކާސިމް އެހެން އުޅޭތީ ކަލާންގެ ދެއްވި ރޯއްޖެކަމަށްތޯއެވެ؟ ނޫނީ ސޭޓަށް ގަބޫލު ކުރެވޭނީ ރޭގަ ފަޅާލި ގެއިން ވަގަށް ނެގި ފައިސާ ނޫންބަވާއޭ ހެއްޔެވެ؟

މިމޭރުމުން، ނުދަންނަ ކުންފުންޏަކުން މިލިޔަން ޑޮލަރު މީހެއްގެ އެކައުންޓަށް ޖަމާކުރުމުން، ސަބަބުވެރި މިންގަނޑަކުން ބަލާއިރު، އެއެކައުންޓްގެ ވެރިފާރާތުން، އެ ނުދަންނަ ކުންފުނިން މިލިޔަން ޑޮލަރު ތިމަންގެ އެކައުންޓަށް މި ޖަމާކުރީ ފަހެ ކީއްވެ ބާވައޭ؟ ނޫނީ އެންމެކުޑަމިނުން އޮޅިގެންތޯ ސުވާލެއް ނޫފެދޭނެ ހެއްޔެވެ؟ ނޫނީ އެއީ އެކަށީގެންވާ ބޮޑު އަދަކަށްވާތީ ހަމަ ސުވާލެއް ނުކުރާނީ ހެއްޔެވެ؟

މިލިޔަން ޑޮލަރު ޔާމީންގެ އެކައުންޓަށް "ނުދަންނަ" އެސް.އޯ.އެފް ކިޔާ ކުންފުނިން ޖަމާކުރިއެވެ. މިއީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ހިސާބުން ގޮސް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނާ ހިސާބަށް ހަމަ އެއްވެސް ޝައްކެން ނެތް މިންވަރަށް ހުރިހާ ފަނޑިޔާރުންނަށް ވެސް ސާބިތުވި ހަގީގަތެކެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވެސް މި ވާހަކަ ސާފުކޮށް ބުނެފައި އެބައޮތެވެ.ސަބަބުވެރި ހަމައަކީ ނުދަންނަ ކުންފުންޏަކުން މީކިހިނެތް ކޮންގޮތަކުން ހޯދައިގެން ޖަމާކުރި އެއްޗެއްކަމާމެދު ޝައްކުވުމެވެ. 

ޔާމީން ބުނެފައިވަނީ އެހެންވިޔަސް އެ ޝައްކު ނުއުފެދޭ ކަމަށެވެ. ނަމަވެސް ނުދަންނަ އެސް.އޯ.އެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން، ޝައްކުކުރެވެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ޔާމީންއަށް އެނގޭކަން މިނުކުތާގައި ފާހަގަ ކޮށްފައި އެބަ އޮތެވެ.

ޝައްކު ކުރެވޭކަން ޔާމީނަށް އެނގޭ

އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތަކީ" ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް" ކުރެވޭ ޝައްކަކަށް ވާންޖެހެއެވެ. ކުރިން ބަޔާން ކުރި ގާނޫނުގެ ނައްސުގައި "ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް" މިހެން އޮވެއެވެ. އެސް.އޯ.އެފް ކިޔާ ނުދަންނަ ކުންފުންޏަށް ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓްތަކުންނާއި އޭސީސީގެ އެންގުންތަކުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަންގާފައެވެ.

މިއީ ޔޯލަ ވާހަކަ އެއްނޫނެވެ. މިއީ ގާނޫނުއަސާސީން އޮޑިޓަ ޖެނެރަލްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ތެރެއިން އޭނާ އަދާކުރި ގާނޫނީ ވާޖިބެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއަށް ނޭނގޭކަމަށް ގާނޫނީ ގޮތުން ބުނާނެ ޖާގައެއް ނޯންނާނެއެވެ. މިކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެއެވެ. އެކަން އެންގީ އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެތައް ގޮތަކަށެވެ. އެކަންކަން ވެސް މިރިޕޯޓުން އެނގެއެވެ. މިތަނުގައި "ރައީސުލްޖުމްހޫރިއްޔާ"އޭ ބުނެފައިވަނީ ކުރިން މި ބުނި ކާސިމަކަށް ނޫނެވެ. ޔާމީން އަށެވެ. އެއީ މި މައްސަލައިގައި ދަށު ކޯޓުގައި ދައުވާ އުފުލުނު ފަރާތެވެ. މަތީކޯޓުތަކުގައި އިސްތިއުނާފްކުރި ފަރާތެވެ.

އެހެންކަމުން، ޕްރޮސިކިއުޓަރުންވަނީ، ހެކި ހުށަހަޅައިގެން، އެސް.އޯ.އެފް އެކައުންޓަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 70 އެތައް މިލިޔަން ޖަމާވިކަން ޔާމީނަށް "ގާނޫނީގޮތުން" އެނގޭނެކަން ސާބިތު ކޮށްދީފައެވެ. އެކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގެ އެވެ. އެއީ ގާނޫނާއި ގަވާއިދާ ހިލާފަށް އެސް.އޯ.އެފް އެކައުންޓަށް ވެއްދި ދައުލަތުގެ ނުވަތަ ދިވެހި ރައްޔިތުންގެ ފައިސާކަން ވެސް މިރިޕޯޓުން އެނގެ އެވެ. ވީމާ، އެސް.އޯ.އެފް ކުންފުނީގެ އެކައުންޓަށް ދައުލަތުގެ ފައިސާތަކެއް ޖަމާކޮށްފައިވަނީ މަކަރާއި ހީލާތް، އޮޅުވާލުން، ލޫޓުމާރު ކުރުން (ކޮންމެ ނަމެއްކިޔަސް "ކުށެއް" ކޮށްގެންކަން) ޔާމީނަށް އެންގިއެވެ. ވީމާ އެކަން އެކަން އޭނާއަށް އެނގޭނެކަން ދައުލަތުން ސާބިތު ކޮށްދީފި އެވެ. އެހެންވިޔަސް ވަރިހަމައޭ މަށަކަށް ނޭނގެއޭ ބުނީމާ ދެން އެނގޭނެ މީހަކު ނުހުންނާނެއެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ނިޔަތުގެ ރުކުން ސާބިތުވޭތަ؟ 

މި ބުނި ކަންކަމުން އެނގޭ ކަމަކީ ނުވެސް ދަންނަ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް 1 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާކަން ޔާމީން އަށް އެނގޭކަމާއި މިހަގީގަތް ސާބިތުވި ކަމެވެ. އަދި އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް (ފައިސާ) ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޔާމީނަށް ޝައްކުކުރެވޭ ހާލަތެއް އޮތްކަން މިހަގީގަތް ވެސް ސާބިތުވި ކަމެވެ. މިހިސާބުން މަނީލޯންޑްރިންގެ ކުށުގެ ނިޔަތުގެ ރުކުން ފުރިހަމަވެފައި ވާކަން ސަރީއަތަށް ސާބިތުވީ އެވެ. ނަމަވެސް ނުވެއޭ ބުނެވިދާނެއެވެ. އެ ޕޮއިންޓުގައި ބުނެފައިވަނީ "ކަން މިހެން އޮތް ނަމަވެސް، އެކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވަނީ އިންވެސްޓްކޮށްފައެވެ."

މަނީ ލޯންޑްރިންގެ އަމަލުގެ ރުކުން ކަމުގައި އެގާނޫނުގައި އޮތީ " …އެމުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުމަށް.." މިހެންނެވެ. އެސް.އޯ.އެފް އެކައުންޓުން ޢަބުދުﷲ ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާ "އިންވެސްޓް" ކުރިން މިހަގީގަތް މިވަނީ ސާބިތުވެފައެވެ. އިންވެސްކުރުމަކީ ކޮބާ ހެއްޔެވެ؟ 

އެއީ ގާނޫނުގައި ބުނާ އަތުގައި ބެހެއްޓުން ކަމަށް ވާނެ ހެއްޔެވެ؟ ނޫނީ ބޭނުންކުރުން ކަމަށް ވާނެހެއްޔެވެ؟ "އަތުގައި ހުރުން" އެއީ މާއްދީގޮތުން 1 މިލިޔަން ޑޮލަރު އަތަށް ނަގައިގެން ނޫނީ ބޮޑިބަދެ ކިހިލި ޖަހައިލައިގެން އުޅުން ހެއްޔެވެ؟ ނޫނީ އެއީ އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުން ހެއްޔެވެ؟ އިންވެސްޓް ކުރުމަކީ އަތުގައި ބެހެއްޓުން ކަމަށް، ނުވަތަ ބޭނުން ކުރުން ކަމަށް ވާނެއެވެ. އެ ފައިސާ ބެހެއްޓީ އޭގެން މަންފާ ހޯދަންކަން މިރިޕޯޓުން ސާފުކޮށް އެނގެއެވެ. ވީމާ، އެއޮތީ މަނީ ލޯންޑްރިންގެ އަމަލުގެ ރުކުން ސާބިތު ވެފައެވެ.

އެ ޕޮއިންޓުގައި ދެން ބުނެފައި އޮތީ މިހެންނެވެ. "މިފަދައިން އިންވެސްޓްކޮށްފައިވަނީ މި ފައިސާއަކި އަޙްމަދު އަދީބު ޢަބްދުލް ޣަރޫފު ދިން ފައިސާއެއްކަމަށް ޤަބޫލުކޮށްގެން ކަމުގައި ޢަބުދުﷲ ޔަމީން ޢަބުދުލް ޤައްޔޫމު ބުނި ނަމަވެސް، މިއީ މިފައިސާއާމެދު ކަންތައް ކުރަންޖެހޭ ގޮތެއް ނޫނެވެ." މަނީލޯންޑްރިންގެ ކުށުގެ އަމަލުގެ ރުކުނާއި ނިޔަތުގެ ރުކުން ސާބިތު ވެއްޖެއެވެ. ނަމަވެސް އެފައިސާއަކީ ޔާމީން ބުނާގޮތުން، އަދީބު ދިން ފައިސާއެވެ. މިއީ ކުރިމިނަލް އޮފެންސެއްގައި ތުހުމަތު ކުރެވޭ މީހާ ނަގާ ދިފާއެކެވެ. މިފަދަ ދިފާއެއް ޖިނާއި އަދުލުގެ ނިޒާމުގައި ގަބޫލުކޮށް ބަލައިގަންނަނީ އެ ދިފާއު ނަގާމީހާ ހަމައެކަނި އަގަބަހުން އެހެން ބޫނާތީ އެއް ނޫނެވެ. އެ ދިފާއު މަދަނީ މިންގަނޑުން ސާބިތު ކުރެވޭނެ ހެކި ހުށަހަޅައިގެން މެނުވީ އެއީ ދިފާއެއްކަމަށް ސާބިތެއް ނުވާނެއެވެ. 

ސުޕްރީމް ކޯޓުގެ ރިޕޯޓްގައި ޔާމީނަށް މިދިފާއު ސާބިތުކޮށްދެވިފައި ނުވާކަމަށް ސާފުކޮށް ބަޔާން ކުރެއެ އެވެ. ވީމާ މިދިފާއުގެ ސަބަބުން މިދައުވާ ފެއިލްވާނެ ތަނެއް ނެތެވެ.

ސުވާލު އުފެދެނީ ކޮން ކަމަކާ މެދު؟ 

"އެހެނީ، މިފައިސާއިން އިންވެސްޓްކުރިއިރު، މިފައިސާގެ ޙަޤީޤަތާމެދު ވަނީ ސުވާލު އުފެދިފައެވެ." މިފައިސާގެ ހަގީގަތާމެދު ސުވާލު އުފެދިފައިވާކަމަށް އެވިދާޅުވަނީ ކޮން ސުވާލެއްތޯ އެވެ؟ އެއީ މަތިން ބާވާލެއްވި ފައިސާއެއްތޯ ނުވަތަ ޔާމީނުގެ އަމިއްލަ ފައިސާތޯ ނުވަތަ ދައުލަތުގެ ފައިސާތޯ ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާތޯ؟ ކޮން ސުވާލެއްތޯއެވެ؟ މިސުވާލުގެ ޖަވާބު ޖެހިގެން އައި ފޮޅުވަތުން ލިބެ އެވެ. "އަދި މިފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެންގިހުރެ، މިފައިސާއިން އިންވެސްޓް ކުރުމަކީ، ތަޙްޤީޤު އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން ކުރާ ތަޙްޤީޤުތަކަށާއި، ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެއް ކަމުގައި ބެލެވޭ ޢަމަލެކެވެ." މަނީ ލޯންޑްރީންގެ ޤާނޫނުގެ ނިޔަތުގެ ރުކުނުގައި ބަޔާން ކުރާ އުންސުރު ވަރަށް ސާފުކޮށް ފަނޑިޔާރަށް ޤަބޫލު ކުރެވޭކަން މިޖުމްލައިން އެނގެއެވެ.

އެފައިސާ މި ފައިސާ!

މިފައިސާއާމެދު (އެމް.އެމް.ޕީ.އާރު.ސީގެ އެކައުންޓުން އެސް.އޯ.އެފް. އެކައުންޓަށް ޖަމާކޮށް، އެސް.އޯ.އެފް އެކައުންޓުން ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާ) ދައުލަތުގެ އިދާރާތަކުން (ފުލުހުން، އެންޓި.ކޮރަޕްޝަން ކޮމިޝަނުން) ތަހްގީގު ކުރާކަން އެނގިހުރެ އިސްވެސްޓް ކުރިކަން މިހަގީގަތް މިވަނީ ސާބިތު ވެފައެވެ.

ތަހްގީގު ކުރުމަކީ ކަމެއް އޮތްނެތް ގޮތް ބަލައި އޮޅުން ފިލުވުމަށްޓަކައި ހޯދާ ހޯދުންތަކާއި ކުރާ ސުވާލު ތަކާއި ލިބޭ ޖަވާބުތަކާއި އަދި އެކަމާއި ގުޅިގެން ހޯދާ އެންމެހައި ހޯދުންތަކެވެ. މިކަން ކުރަނީ އާންމުކޮށް "ކުށުގެ" މައްސަލަތަކުގައެވެ. ކުޅޭ ކުޅިވަރެއްގެ ގޮތުގައި ތަހްގީގުކޮށް އުޅޭކަމެއް ނޭނގެ އެވެ. އެހެންކަމުން ޔާމީން މިފައިސާ އިންވެސްޓްކުރުމުގެ ކުރިން އެފައިސާއަކީ ކުށަކާއި ގުޅިފައިވާ ފައިސާއެއްކަން ޔާމީންނަށް އެނގޭކަން މިހަގީގަތް ސާބިތު ވެއެވެ. އިސްވެސްޓް ކުރީ މިހަގީގަތް އެނގިހުރެކަން ސާބިތުވެއެވެ.

ނިންމުން 

ދައުލަތުން ހުށަހެޅި ހެކިތަކާއެކު، ހަމައެކަނި މި ފާހަގަކުރި ޕޮއިންޓަށް އެކަނި ބެލި ނަމަވެސް  މަނީލޯޑްރިންގެ ކުށް "އެކަށީގެންވާ ޝައްކެއް ނެތި" ސާބިތުވާކަން ދޭހަވެއެވެ. މިކަމާމެދު ދެބަސް ވެވޭމެ ތަނެއް އޮތްތަނެއް ނުފެނެއެވެ. ފަހަރުގައި ނަމަވެސް، އެއްބަހެވެ. "ލަކުޑިގަނޑު މާވަޑިޔާގެ ހިތެވެ. ނިޔާ ފަނޑިޔާރުގެ ހިތެވެ".

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް