ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އާންމުންގެ ފަސޭހަ އަކަށްޓަކައި ތަރައްގީ ކުރި ދަތުރު ހިޔާ ހުޅުވައިދެއްވީ ކުޅުދުއްފުށީ ކައުންސިލް ތިން ވަނަ ދައުރުގެ ރައީސް އަބްދުލް ލަތީގް ހަސަން އެވެ.
އެ ދަތުރުހިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލަތީފު ވަނީ، ދަތުރުހިޔާގެ ސަބަބުން ސަރަހައްދުގެ އަތޮޅުތަކަށާއި ރަށްތަކުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް އެތަނުގެ ސަބަބުން ލިބޭނެ ފަސޭތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ދަތުރުހިޔާގެ ހިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު ހަޔަކުން ރޭގަނޑު 11 އަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ދަތުރުހިޔާގައި ޅަ ދަރިންނަށް ގާތުން ދިނުމަށް މަޑުކޮށްގެން ތިބުމަށް ހާއްސަ ރޫމަކާއި އަންހެން ފިރިހެން ބޭފުޅުންނަށް ވަކިން ފާހާނަގެ އިތުރުން ވެއިޓިން އޭރިއާ އެއް ހުންނާނެ ކަމަށް އެ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ސިޓީއަށް ޒިޔާރަތްކުރާ އެންމެންގެ ފަސޭހަ އަކަށް ތަރައްގީ ކުރި މި ދަތުރުހިޔާ ބޭނުންކުރާ ފަރާތްތަކުން ތަނުގެ ސާފުތާހިރު ކަމަށާއި ތަނުގެ މުދަލަށް ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ.