ads
ޕީޖީ ހުސައިން ޝަމީމް--
ޔާމީން ފުރުން މަނާކުރީ ފުއްގިރި މައްސަލާގައި: ޕީޖީ އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ރައީސް ޔާމީން ފުރުން މަނާ ކުރުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ ފުލުހުންނެވެ. ކްރިމިނަލް ކޯޓުގައި މިގޮތަށް އެދުނީ  ރައީސް ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ވަޑައިގަންފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހު އެވެ.

އެއަމުރަށް އެދުނުތާ ކުޑައިރުކޮޅެއް ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ އެއޮފީހުން އަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރުމީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފެހެއްޓިފައި ކަމަށެެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާދިނީ ޕީޖީ އޮފީހުންކަން ފާހަގަކޮށް ޝަފީއު ވިދާޅުވީ، އެލަފާދިނީ އެފަދަ އަމުރަކަށް އެދެވޭނީ ޤާނޫނުތަންފީޒުކުރާ އިދާރާތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާތީ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

މި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައަކީ ފުލުހުންނާއި އޭސީސީ އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ގުޅިގެން ކޮށްފައިވާ ތަހުގީގެއް ކަމަށެވެ.

މި މައްސަލައިގައި ޖުމުލަ 534،910،933.50 (ފަސްސަތޭކަ ތިރީސްހަތަރު މިލިއަން، ނުވަލައްކަ ދިހަހާސް ނުވަސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރި) ކުރީގެ ރައީސް ޔާމީނާއި ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އޭރު ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް