ހދ. ކުޅުދުއްފުށީ މޭބިސްކަދުރުގޭ އަހުމަދު އިފާއު(އިފޫ) އަކީ ސަރުކާރު ވަޒީފާއެއް އަދާ ކުރަމުން ފޮޓޯ ނެގުމުގެ ހުނަރު ވެސް ދައްކަމުން އަންނަ ޒުވާނެކެވެ. އޭނާގެ މުޅި ދިރިއުޅުން މިދުވަސްކޮޅު ހުސްކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ރީޖަނަލް ހޮސްޕިޓަލްގައި އަދާ ކުރާ ވަޒީފާ އަށާއި ދައްކަމުންދާ ފޮޓޯ ނެގުމުގެ ހުނަރަށެވެ.
އުމުރުން ވަރަށް ކުޑަ އިރުވެސް އިފޫ ވަރަށް ފޮޓޯ ނަގާހިތްވެއެވެ. މީހުން ނަގާފައި ހުންނަ ފޮޓޯތައް ވެސް ބަލާހިތްވެއެވެ. ހާއްސަކޮށް ޕޯޓްރެއިޓްތަކެވެ. އެހެން ނަމަވެސް މޮޅެތި ފޮޓޯ ގްރަފަރުންގެ މަސައްކަތް އޭނާ އަށް ފެންނަން ފެށީ ގްރޭޑް އަށެއްގައި އުޅެމުން ފޯނަށް އިންސްޓަގްރާމް އެޅި ހިސާބުންނެވެ.
ކަންދިމާކުރި ގޮތުން ހަމަ އެދުވަސްކޮޅު އޭނާ އަށް ކުޑަ ކެމެރާއެއް މަންމަ ގަނެދިނެވެ. ފޮޓޯ ނެގުމަށް ޝައުގުވެރިވެ އެކަމުގެ ތެރެއަށް ރަނގަޅަށް ހިތް ދަމައިގަތީ އެހިސާބުންނެވެ.
“އޭރު އެ ކުޑަ ކެމެރާ އިން ނަގާ ފޮޓޯ އަމިއްލަ އިނދެ އިންސްޓަގްރާމް އިން އެޑިޓްކޮށްލަން. ވަރަށް ކުރާ ހިތުން އިނދެ. އަސްލު ބުނާނީ އެއީ އޭ މިކަމަށް ބޮޑަށް ހިތްޖެހެން ފެށި ގޮތަކީ” އިފޫ ކިޔައިދިނެވެ.
ސްކޫލުން ކިޔަވާ ނިންމި ގޮތަށް ފުރަތަމަ ވަނީ އެރަށުގައި ހުންނަ ފޮޓޯ ނަގާ ސްޓޫޑިއޯއަކަށެވެ. އެތަނުގައި އުޅެމުން މި ދާއިރާއާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް އެންގެން ފެށި ކަމަށް އިފޫ ބުންޏެވެ.
އިފޫ ބުނީ، ރަށުގައި ވެސް މޮޅެތި ފޮޓޯ ގްރަފަރުން އެބަ ތިބި ކަމަށާއި އެމީހުންގެ މަސައްކަތްތަކުން އެކަހަލަ މޮޅު ފޮޓޯ ގްރަފަރަކަށް ވާން ބޭނުންވެ މިކަމަށް ބޭނުންވާ އާލާތްތައް މަޑު މަޑުން ހޯދަން ފެށި ކަމަށެވެ.
“ވަޒީފާ އަދާ ކުރަމުންނާއި ފެމިލީން ލިބުނު ސަޕޯޓުން ސާމާނު ހޯދަން ފެށީ. ހިތައް އެރީ އަހަރެންނަށް ވެސް މިކަން ކުރެވޭނެ އޭ ހިތް އެދޭ ގޮތަށް” އިފޫ ބުންޏެވެ.
އިފޫ ނަގާ ޕޯޓްރެއިޓް ތަކާއި އައުޓްޑޯ އަދި އިންޑޯ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުން ވެސް މިހާރު ފެންނަން ހުންނާނެއެވެ. ނިކަން ޗާލު ހިތްގައިމު ފޮޓޯތަކުން އިފޫ އަންނަނީ މީހުންގެ މެދުގައި މަގުބޫލުކަން ހޯދަމުންނެވެ.
އެރަށުގައި ތިބި މޮޅެތި އެހެން ފޮޓޯ ގްރަފަރުންނެކޭ އެއް ހަމައެއްގައި އިފޫ މިހާރު ފައިތިލަ ސާބިތުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ރަށުގައި ބާއްވާ އެކި އެކި ހަރަކާތްތަކާއި އިވެންޓުތަކުގެ ފޮޓޯތައް ނަގާދިނުމަށް ވެސް އިފޫ އަށް ލިބެއެވެ.
އިފޫ ބުނީ އައުޓްޑޯ ޝޫޓް ތަކާއި އިންޑޯ ޝޫޓް ތަކުގެ އިތުރުން ބައެއް މީހުންގެ ބާތްޑޭ ސެލެބްރޭޝަން ތަކުގެ ފޮޓޯ ވެސް މިހާރު ގިނަ އަދަދަކަށް ނެގިއްޖެ ކަމަށާއި ވެޑިން ޝޫޓް ތަކަށް ފޯކަސް ކުރާ ކަމަށެވެ.
“ވަޒީފާ އަދާ ކުރަމުން މިކަން ކުރާތީ ކުޑަކޮށް ދަތިވޭ. އެކަމު މެނޭޖް ކުރަން ހަމަ ވަގުތު. ދެން މިހާރު ވެޑިން ޝޫޓްތައް ވެސް ނަގައިދެން މި ވިސްނަނީ ލިބޭ ވަރަކުން” އިފޫ ބުންޏެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގައި ރިސެޕްޝަނިސްޓަކަށް އުޅޭ 19 އަހަރުގެ އިފޫ އިތުރަށް ބުނީ، ރަށުން ބޭރަށް ވެސް ފޮޓޯ ޝޫޓްތަކަށް ދާން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިދުވަސްކޮޅު ރަށުގައި ހުރެގެން ފޮޓީ ގްރަފަރެއްގެ ގޮތުގައި ކުރިއަށްދާން ވިސްނާފައިވާ ކަމަށެވެ.
“ރަށުން ބޭރުން ވެސް ގުޅީމަ ދާހިތްވޭ. އަސްލު ރަށުގައި ވެސް ހުރިހާ އެންމެންގެ ޝޫޓްތައް ވެސް ހުންނާނީ އެއް ލޮކޭޝަނެއްގަ ގިނައިން. މިވަގުތު އެކަމު ވަޒީފާގެ ގޮތުން ވެސް ރަށުގައި ހުންނަން ވިސްނަނީ” އިފޫ ކިޔައިދިނެވެ.
ފޮޓޯ ގްރަފީގެ ދާއިރާއިން ކުރިއަށް ދިޔުމަށް އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ދެނީ މަންމަ، ބައްޕަ އަދި އާއިލާ އިންނެވެ. އޭގެ އިތުރުން މިހާރު ރަށުގައި އުޅޭ މޮޅެތި ފޮޓޯގްރަފަރުން ވެސް މިކަމަށް ނުލާހިކު ހިތްވަރުދޭ ކަން އިފޫ ފާހަގަކުރިއެވެ.
ބުރަކޮށް އުޅެމުންވެސް ކެމެރާ ލެންސަށް ސަޅި ފޮޓޯ އަރުވަމުން އަންނަ މޮޅު ފޮޓޯގްރަފާ ބުނަނީ މިއީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމެއް ކަމަށާއި ފޯޓޮ ނެގުމުގެ ހުނަރު ހުރިއްޔާ ޝައުގުވެރިކަމާއެކު މިކަމުގެ ތެރެއަށް ނުކުންނަންވީ ކަމަށެވެ. ހުނަރު ފޮރުވައިގެން ހުރުމުން މުޅިން ކަޑަ ކަމަށެވެ.