ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކޮށް، ޕްރައިވަޓައިޒޭޝަން ބޯޑުން އިއްޔެ މިދުހަތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, އޭނާ އެ މަގާމުގައި ބެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާކަން އަންގާފައިވާ ކަމަށެވެ.
އެހެން ކަމުން ރައީސް އޮފީހުން އެދިފައިވާ ގޮތަށް ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
މިދުހަތު, ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ބައެއް ކަންކަމުގައި އަޑުއުފުލާފައިވަނިކޮށެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމަށް ޓީވީއެމްގެ ގޯތިތެރޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ ޓަވަރު ވަކި ބަޔަކާ ހަވާލުކުރުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ ވާހަކަދައްކަވާފައެވެ.
މީގެ އިތުރުން ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ އަޑު އުފުލާފައެވެ.
އަދި މިދުހަތު ވަކިކުރުމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އެގޮތުން އަލީ ޒާހިރު މިދުހަތަށް ގުޅާ ޕީއެސްއެމްގެ ބައެއް ކަންކަމާއި މެދު ހިތްހަމަނުޖެހޭ ކަން ފާޅުކުރެއްވިއެވެ.
އެހެން ނަމަވެސް މި ތުހުމަތުތައް އަލީ ޒާހިރު ވަނީ ދޮގު ކުރައްވާފައެވެ.
"އަދި ތިމާގެ ގުނަވަންތައް ތިމާޔާ ދެކޮޅަށް ހެކިބަސް ދޭނެ ކަން ގަބޫލުނުކުރާ މުސްލިމުން ވެސް އުޅޭ ކަން ފެނިއްޖެ، ދުވަހަކު ވެސް ބައްދަލު ނުކުރާ، ފޯނުން ވެސް ވާހަކަ ނުދައްކަވާ ބޭފުޅެއް މިއީ،" އަލީ ޒާހިރު ލިޔުއްވައިފައިވެއެވެ.
މިދުހަތު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީގެ ދެ ހަފްތާ ކުރިން ސަރުކާރުން މިދުހަތާ ހަވާލު ކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮޅުން ފިލުވަން މި ވަގުތައް ބޭނުންވާ ތިން ކަމަކާ ގުޅިގެން މަޝްވަރާކުރުމަށް އަލީ ޒާހިރާ ބައްދަލުކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ބިގަށް ފައިސާ ދިނުމަށް ޕީއެސްއެމް ބޯޑުގައި ނެންގެވި ވޯޓުގައި ބިގާ ދެކޮޅަށް ވޯޓް ދެއްވީ ކީއްވެތޯ ސުވާލު ކުރުމުން އެއީ އެހާ ގިނަ އަދަދެއްގެ ފައިސާ ބިގަށް ދައްކަން ޖެހޭ ކަމަށް އޭނާގެ ވިސްނުމަށް ގަބޫލުނުކުރެވޭތީ ކަމަށް ބުނި ކަމަށް މިދުހަތު ވިދާޅުވިއެވެ.
ހަމައެހެންމެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ޕީއެސްއެމްގެ މަސައްކަތްތަކާ ގުޅިގެން ނުރުހުންވެ ހިޔާލުފާޅު ކުރެއްވިންތޯ ސުވާލު ކުރެއްވި ކަމަށާއި، އެ ސުވާލަށް ޖަވާބު ދެއްވަމުން މިދުހަތު ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި ބިރުވެރި ހާދިސާގެ ވާހަކަތައް ބީ ކެޓަގަރީގައި އޮތުމުން ނުރުހުން ފާޅުކުރައްވާފައި ވާނެ ކަމަށެވެ.
މިދުހަތު އެހެން ވިދާޅުވުމުން ހާއްސަ މުނާސަބުތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތު މިދުހަތަށް ސާފުނުވެ އޮތުމުން ވަރަށް ދެރަ ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް މިދުހަތު ވިދާޅުވިއެވެ.
އެ ސިޔާސަތަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން، މުސްތަގުބަލުގައި އެކަން ދާނީ މިދުހަތަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް ސާފުވެ ހާމަވަމުން ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް މިދުހަތު ވިދާޅުވެފައިވެއެވެ.