
ޓީވީއެމްގެ ހެންދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މާކެޓިން އެގްޒެކްޓިވް އިބްރާހިމް ސަމީރު ވިދާޅުވީ، މިހާރު މާސްޓާ ޝެފް ބަދިގޭގެ ދޮރު ހުނަރުވެރިންނަށް ހުޅުވިފައިވާކަމަށެވެ.
"ކެއްކުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންފުޅުވާ ބޭފުޅުންވެސް އޭގެ އިތުރުން. މި ދާއިރާއަށް އެކި ގޮތްގޮތުން ބޭނުންވާ އެހެނިހެން ބޭނުންތަކަށް ވެސް އެބަހުރި ފުރުސަތުތަކެއް. މިސާލަކަށް ބަދިގެއަށް ބޭނުންވާ ތަކެތި އިންޕޯޓުކުރައްވާ ބޭފުޅުންނަށް ނޫނީ ގްރޯސަރީސް ވިއްކަވާ ބޭފުޅުން. އޭގެ އިތުރުން ފެޝަން ޑިޒައިނަރުން، ފޯޓޯގްރާފަރުން. މިކަހަލަ ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަހުރި އަޅުގަނޑުމެންގެ ތެރެއަށް އައިސް މަސައްކަތް ކުރަން،" ސާމިރު ވިދާޅުވިއެވެ.
ޕީއެސްއެމްގެ މާކެޓިން ޓީމުން ބުނީ، ކޮންމެ ގައުމެއްގައިވެސް މާސްޓާ ޝެފް ގައި ނަގާކިޔާ ބްރޭންޑުތަކުން ބައިވެރިވާކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމައަށް ވަޑައިގެން މިހާރުވެސް މަސައްކަތް ކުރައްވަން ފައްޓަވާށޭ. އޭރުން ވީހާވެސް ފުރިހަމަކޮށް މި ޝޯ ތިބޭފުޅުންނާހަމައަށް ގެނެސްދެވޭނޭ،" ސަމީރު ވިދާޅުވިއެވެ.
ޕީއެސްއެމްގެ މާކެޓިން އެގްޒެކްޓިވް ޒާއިން މުހައްމަދު ޒަހީން ވިދާޅުވީ މާސްޓާ ޝެފް ގައި 'އޮފް އެއާ' ފުރުސަތުތަކެއް ވެސް އެބަހުރިކަމަށެވެ.
"އަޅުގަނޑުމެން ހާއްސަކޮށްލަނީ ކުދި ކުދި ފިހާރަތައް ކަހަލަ ތަންތަނަނަށް. މިސާލަކަށް މާސްޓާ ޝެފް ނައިޓް އޮގަނައިޒް ކޮށްލަން ބޭނުންމިއްޔާ އަޅުގަނޑުމެންނާ ޕާޓްނާ ވެލައިގެން އެކަން ވެސް ކޮށްލަންވީ. ވަރަށް ބޮޑެތި ފުރުސަތުތަކެއް އެބަހުރި ޝައުގުވެރިވާ ފަރާތްތަކުން އަޅުގަނޑުމެންނަށް އީމެއިލްއެއް ކޮށްލަންޖެހޭނީ، [email protected] އަށް ނުވަތަ [email protected] އަށް،" ޒާއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާސްޓާ ޗެފް ޕްރޮޑަކްޝަންގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އޭގެ ތެރޭގައި ނިއުޓްރިޝަނިސްޓުންނާއި، ޑައިޓީޝަނުންނާއި ފޮޓޯ ގްރާފަރުންނާއި، ޑިޒައިނަރުންފަދަ ހުރިހާ ދާއިރާތަކުން އެހީ ބޭނުންވާކަމަށް މާކެޓިން ޓީމުން ބުންޏެވެ.
ފުރުސަތުތަކުގެ ތެރޭގައި ފުޓް މެގަޒިން ހިންގާ މީހުންނާއި، ފުޑް ބްލޮގް ހިންގާ މީހުންނަށް ވެސް ފުރުސަތު އެބައޮތެވެ.
މި ފުރުސަތުތައް ޕީއެސްއެމްއިން ވަރަށް އަވަހަށް އިއުލާނު ވެސް ކުރާނެއެވެ.
"މިއީ އަޅުގަނޑުމެންގެ ހުނަރު މުޅި ދުނިޔެއަށް ވެސް ޝޯކޭސްކޮށް ދައްކާލުމުގެ ފުރުސަތުތައް އެބަލިބޭ،" ޒާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މާސްޓާ ޝެފް އައީ، 63 ވަނަ ގައުމެއްގެ ގޮތުގައެވެ.
ރާއްޖޭގައި މާސްޓާ ޝެފް އިއުލާނުކޮށްފައިވަނީ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.
"މާސްޓަޝެފް މޯލްޑިވްސް" ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއި ކޯ ސްޕޮންސަރުންނާއިއެކު ވަނީ ސޮއިކޮށްފަ އެވެ.
ނަމަވެސް އަދިވެސް ސްޕޮންސާ ފުރުސަތު ހުރިކަމަށް ޕީއެސްއެމްއެން ބުނެއެވެ.
ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. އިތުރަށް އެސްޓީއޯ އާއި ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ކޯ ސްޕޮންސާޝިޕް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.