ރާއްޖޭގައި މިހާރު އެއް ލައްކަ ބަނގަލަދޭޝް މީހުން ދިރިއުޅޭ ކަމަށް އެ ގައުމުގެ ބަންގްލާދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވެފައިވާއިރު އޭގެ 100 އަށްވުރެ ގިނަ މީހުން ތަފާތު ކުށްތަކުގައި ޖަލުގައި ތިބިކަމަށް ހައިކޮމިޝަނަރު އިއްޔެ ވިދާޅުވި އެވެ.
ހުޅުމާލޭގައި ހުންނަ ހައިކޮމިޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޒްމުލް ދެއްކެވި ވާހަކަ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ތަފާތު އެކި ކަހަލަ ކުށްތަކުގައ ބަންގްލަދޭޝް މީހުން ޝާމިލުވެފައިވާލެއް ގިނަ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަތައް ހައްލުކޮށް އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފެށިފައިކަމަށް ބުނެފައިވެއެވެ.
"މާރާމާރީ އާއި ވައްކަމުގެ އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުގައި ބަންދުގައި އެބަ ތިބި ބަޔަކު، އެތަނުން 30 މީހުން މިހާރު އަނބުރާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުންދަނީ" ނަޒްމުލް ވިދާޅުވިއެވެ.
ނަޒްމުލް އިތުރަށް ވިދާޅުވީ މިދިޔަ ދެ އަހަރު ވެސް ބަންގްލަދޭޝް މީހުންގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ އަށް ވަޑައިގަތުމަށް ދެއްވާފައިވާ ދައުވަތަށް މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޮޑުވަޒީރުގެ ދަތުރުފުޅުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވިޔަފާރީގެ ގުޅުންތައް ރަނގަޅު ކުރުމާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތު މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް މަޝްވަރާ ކުރުމަށް،" ނަޒްމުލް ވިދާޅުވިއެވެ.
ބަނގަލަދޭޝް މީހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ގިނަ ވެފައިވާއިރު އެމީހުން އަންނަނީ އެންމެ އާދައިގެ ކުށްތަކުން ފެށިގެން ބޮޑެތި ކުށްތަކުގައި ވެސް ޝާމިލުވެ ޖަރީމާތައް ހިންގަމުންނެވެ.
ވައްކަން ކުރުމާއި މާރާމާރީގެ މައްސަލަތަކުގައި އެމީހުން ކުރީގައި އުޅޭ އިރު ދިވެހިންނާއި ގުޅިގެން ވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ހަށިވިއްކުމުގެ ވިޔަފާރީގައިވެސް އަންނަނީ ނުހަނު ބޮޑަށް ޝާމިލްވަމުން އަންނަކަމަށް ރެކޯޑަތަކުން ދައްކަ އެވެ.
މީގެ އިތުރުން މި ފަހުން އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި މަހުމޫދު އަބޫބަކުރު ދުނިޔެއާ ވަކިކޮށްލުމުގެ ފަހަތުގައި ވެސް ހުރީ ބަންގަލަދޭޝްގެ ރައްޔިތެކެވެ.