ފުލުހުން ބުނީ މާފުށިން ފެނުނު މަކުނުތަކުގެ ސާންޕަލް ހެލްތު މިނިސްޓްރީއަށް ފޮނުވުމުން އެ މަކުނު ތަކަކީ ބްރައުން ވިޑޯތަކެއް ކަމަށް ހެލްތު މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލު ޔުނިޓު ކަށަވަރުކޮށްދީފައިވަނިކޮށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މިބާވަތުގެ އިތުރު މަކުނުތަކެއް ކ. އަތޮޅު ހުރާ އަދި ތުލުސްދޫ އިން ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ ރަށްތަކުގެ ކައުންސިލުންނާއި ފުލުހުން އަދި ކަމާ ގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން އެ މަކުނު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހެލްތު ވެކްޓާ ޔުނިޓުން އެބާވަތުގެ މަކުނެއް ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ ހަންހުރަހެއް މެދުވެރިކޮށް ނެގުމަށް ފަހު އަންދާލުމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިދުވަސްކޮޅަކީ ކ އަތޮޅުގެ ބައެއް ރަށްތަކުން ނުރައްކާތެރި ބްރައުން ވިޑޯ ފެންނަމުންދާ ދުވަސްކޮޅަކަށް ވާތީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ގޭތެރޭގައި އުޅޭއިރު ގޮނޑި، ޖޯލިފަތި ފަދަ ތަންތަނުގައި އިށީންދެ އިންނައިރު މަކުނު ހާލި ހަދާފައި ހުރިތޯ ރަނގަޅަށް ބެލާ ޔަގީންކުރުމަށްފަހު ނޫނީ ނުއިށީނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.