ނާޒިމް މިހެން ވިދާޅުވެފައިވަނީ އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ އާޓިކަލަކާ ގުޅިގެންނެވެ.
އޭގައިވަނީ ސަރުކާރު ވަޒީފާއެއްގެ އިންޓަވިއުއިން ފެއިލްކޮށްލީ ލަވަ ނުކިޔާތީކަމަށާއި އެއީ ސަރުކާރަށް ސަނާ ނުކިޔާ މީހުންނަށް އިންޓަވިއުގެ ނަމުގައި ކުރާ ޖެއްސުމެއްކަމަށް މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ލަވަކިޔުން ހުއްޓާލި އަބްދުލްރާޒިޤު އަލީ ބުނެފައިވާ ކަމަށެވެ.
ވަރަށް ކުރުކޮށް އޭނާއަށް ދިމާވި ކަންކަން ކިޔައިދިންކަމަށް ބުނެ "ދިޔަރެސް" ގައިވަނީ ރާޒިޤް އާ ހަވާލާދީ މުނެފައިވަނީ މީގެ ހަފްތާއެއް ކުރިން ސަރުކާރު އޮފީހެއްގެ ވަޒީފާއަކަށް ވަންނަން އިންޓަވިއު އަކަށް އޭނާ ދިޔަކަމަށެވެ. ރާޒިޤް ބުނެފައިވަނީ އިންޓަވިއު ކުރި ބޭފުޅާ ކުރިން ލަވަ ކީ ވާހަކަ އަހާތީ މިހާރު ލަވަ ނުކިޔާ ވާހަކަ ބުނި ކަމަށާއި އެކަމާއި ގުޅިގެން އެ ބޭފުޅާ ވަރަށް މަލާމާތުގެ ރާގަކަށް "މޫނު މައްޗަށް ބަސްތަކެއް ޖެހި." ކަމަށެވެ.
މީގެއިތުރުން ރާޒިޤް ބުނީ އޭނާ އިންޓަވިއު އިން ފެއިލްވީ ނޫންކަމަށާއި އޭނާ ވަނީ އިންޓަވިއުއިން ފެއިލް ކޮށްލާފައިކަމަށެވެ. އޭނާ ބުނިގޮތުގައި އިންޓަވިއުއިން ފެލް ކޮށްލީ އޮފީހުގެ ހާއްސަ ދުވަސްތަކުގައި ވެސް ލަވަ ނުކިޔޭނެ ވާހަކަ ބުނީމަ ކަމަށް އެނޫހުގައިވއެވެ.
ނާޒިމް ވިދާޅުވެފައިވަނީ މިއުޒިކް ހަރާމް ކަމަށްވާނަމަ މިއުޒިކް ޕްރޮމޯޓްކުރާ ސަރުކާރެއްވެސް ހަރާމް ވާން ވާނެކަމަށެވެ. އެހެންވެ ، އެފަދަ ސަރުކާރަކުން ވަޒީފާ ހޯދުމަށް އެދެނީ ކީއްކުރަންތޯ ނާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.
ރާޒިޤް ލަވަ ކިޔުން ހުއްޓާލާފައިވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމަކު އޭނާ މީގެ ކުރިން ބޮޑުބެރު ޗެލެންޖްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަޤާމު ދެފަހަރު ހޯދާފައި ވެއެވެ. އަދި އޭނާ އެމްއެންޑީއެފްގައި މަސައްކަތް ކުރިއިރު ވޮއިސް އޮފް އެމްއެންޑީއެފް މުބާރާތުގެ އެއްވަނަ ވެސް ހޯދާފައިވެއެވެ. އޭނާ ލަވަ ކިޔުން ހުއްޓާލުމަށްފަހު މިހާރު އަންނަނީ ދީނީ ގިނަ ޕޯސްޓްތައް އާއްމުންނާ ހިއްސާ ކުރަމުންނެވެ.