ގއ. ކޮނޑޭ ސްކޫލްގެ ބިދޭސީ ތީޗަރަކު އެ ސްކޫލްގެ ގުރޭޑް ފަހެއް އަދި ހަތަރެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ގަޑީގައި، ނަރަކަވެރި ފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވުމަށް ބުނެ، އިސްލާމް ފޮތެއް ބިންމައްޗަށް އެއްލާލައި، ކްރިސްމަސް ގަސް ހަދަންވެސް ވަނީ ދަސްކޮށްދީފައެވެ.
އެފަދަކަމެއް ހިގައިގެން އުޅޭކަމުގައި އެރަށު ސްކޫލްގެ ބެލެނެވެރިން ވަނީ ސީ އެން އެމް އަށް ކަށަވަރު ކޮށްދީފައެވެ. އެދި އެއަމަލު ހިންގި ޓީޗަރަކީ އެސުކޫލްގައި ގިނަދުވަހު އުޅެފައިވާ ގީތާ ނަމަކަށް ކިޔާ އިންޑިއާ ޓީޗަރެކެވެ.
މިކަމާއި ގުޅިގެން ކޮނޑޭ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި، ކިނާނަތު ގާސިމް އަށް ގުޅާލުމުން ވިދާޅުވީ ކޮންމެ ކަމަކަށްވެސް މީޑިއާތަކަށް މައުލޫމާތުދިނުން އޮންނަށް އިރު، މިކަމަަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމުގައެވެ. އަދި އެފަދަ ކަމެއް ހިގައިގެން އުޅޭ ކަމެއްވެސް އަދި ނޫން ކަމެއްވެސް، އޭނާ ވިދާޅެއް ނުވެއެވެ.
ނަމަވެސް ބެލެނެވެރިން ދަނީ މިކަމާއި ގުޅިގެން އިންތިހާއަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ބެލެނެވެރިއަކު މައުލޫމާތުދެއްވަމުން ބުނީ ދަރިފުޅު ފިލާވަޅު ހަދާ މޭޒުމަތީގައި ކަރުދާހުން ހަދާފައިހުރި އެއްޗެއް ފެނިގެން އެއީ ކޯއްޗެއްތޯ ސުވާލުކުރުމުން މިއީ ކްލާސް ގަޑީގައި މިސް ހަދަން ބުނި އެއްޗެއް ކަމަށް ކުއްޖާ ބުނިކަމަށެވެ. އަދި މިއީ ސީދާބަޔަކު އަޑީގައި ތިބެގެން، ކުޑަކުދިންގެ ފިކުރުތަކާއި ކުޅެލަން ކޮށްފައިވާ އަމަލެއް ކަމަށެވެ.
"ކޮބާ ލެސަން ޕްލޭން، ބަލާލާނެ އިންޗާޖަކުވެސް ނެތީތޯ! 35 މިނެޓް ގަޑިއަކަށް ޓީޗަރަކު ދާއިރު، ލެސަންޕްލެއިން ބަލާނެ އިންޗާޖެއްވެސް ނެތް. މިއީ މުސްލިމް ގައުމެއްގައި ބިދޭސީ ޓީޗަރުން ކުރަމުން މިއަދު އާއްމުވަމުން ދާ ކަންތައް." ބެލެނެވެރިއާ ނުރުހުން ފާޅުކުރަމުން ބުންޏެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަހުން ޖަވާބު ދޭނެ ކަމަށެވެ.
މިފަދަ ކަންތަށް، ރާއްޖޭގައި ތަކުރާރުވަމުން ދާއިރު އުކުޅަހުގެ ގެސްޓްހައުސް އެއްގައި ކްރިސްމަސް ފާހަގަކުރަން ގެސްޓުން ލަވަޖަހައި އުޅެނިކޮށް ރައްޔިތުން ނުކުމެ ވަނީ އެކަންވެސް ހުއްޓުވާފައެވެ. މިފަދަ ކަންކަން އާއްމުވެގެން ދާއިރު ކްރިސްމަސް ފާހަގަ ކުރުމަކީ އިސްލަމްދީނުގައި ކަޑައެޅިގެން ހަރާމް ކޮށްފައިވާ ކަމަކެވެ.