ads
ކަނޑުގައި މަސްވެރިކަން ކުރަނީ: ނޫރާއްޖެ ޕްރޮގްރާމުގެ ދަށުން ސާވޭއެއްވަނީ ފަށާފައި
ރާއްޖޭގެ ކަނޑުތައް ބޭނުންކުރާގޮތް ދެނެގަތުމަށް 6 މަސްދުވަހުގެ ސާވޭއެއް ކުރަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ދެނެގަތުމުގެ 6 މަސް ދުވަހުގެ ސާވޭއެއް މިއަދު ފަށައިފިއެވެ.

ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މަސްވެރިން، މުޖުތަމައު، ވަކިވަކި ފަރުދުން، ފަތުރުވެރިކަމުގެ ސިނާއަތް، އަދި އެނޫންވެސް ފަރާތްތަކުން ކަނޑުގެ ސަރަހައްދު ބޭނުން ކުރާ ގޮތް ދަނެގަނެވޭނެ އެވެ.

މި އޯޝަން ޔޫޒް ސާވޭގެ ބޭނުމަކީ، އިޤްތިޞާދީ، ޘަޤާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމެވެ. މިގޮތުން މި ސާވޭ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ކަނޑު ފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިއްމު ސަރަހައްދުތައް ފާހަގަކުރެވި، ކަނޑުގެ ދިރުން ޙިމާޔަތްކޮށް މެނޭޖްކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަ ވެގެން ދާނެއެވެ. މި ސާރވޭގެ މަޤްޞަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުގެ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރު ކުރުމެވެ.

your imageނޫރާއްޖެ ޕްރޮގްރާމުން ކަޏދުގެ ސާވޭއެއްވަނީ ފަށާފައި

އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއި އެކު، އެކިފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުން ކުރާގޮތް ދެނެގަނެ، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ވަޒަން ކުރުމެވެ. މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް މިފަރާތްތަކުން ދިވެހި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އެތަންތަން އަގު ވަޒަން ކުރާގޮތް ދެނެގަނެވޭނެ އެވެ. އަދި ވަކިވަކި ސާވޭ ތަކުގެ ނަތީޖާ އެއްކުރުމަށްފަހު މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕްތަކެއް އެކުލަވާލެވޭނެ އެވެ. މި މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމަޢުގެ ހިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލެބް އިން ތައްޔާރުކޮށްފައިވާ 'ސީސްކެޗް' ޓޫލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސާވޭގެ ހޯދުންތައް އެހީތެރި ވެދޭނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދު ތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށްވެސް ސާވޭގެ ނަތީޖާ ބޭނުން ކުރެވޭނެއެވެ.

"މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަޙައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގޭ ފުރަތަމަ ސާވޭ ކަމުގައިވާތީ މި މުހިންމު ސާވޭގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އަޅުގަނޑުމެން އެދެން. މި ސާވޭއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކަކަށް ވެގެންދާނެ." އޯޝަން ޔޫސް ސާވޭއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ

އާންމު ފަރާތްތަކުން މި ސާވޭ ގައި ބައިވެރިވެވަޑައިގެން ހިޔާލު ހިއްސާކުރެއްވުމަށް ނޫ ރާއްޖޭ ޕްރޮގްރާމްއިން އެދެއެވެ. މި ސާވޭގައި  އޮންލައިންކޮށް  ބައިވެރިވެވަޑައިގަތުމަށް nooraajje.org/oceanusesurvey ޒިޔާރަތް ކުރއްވުމަށް ވެސް އެދެއެވެ. އަދ ސާވޭ ފެސިލިޓޭޓަރުން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މަޢުލޫމާތު އެއްކުރާނެ ކަމަށާއި، މި ސާވޭގެ ޒަރިއްޔާއިން ލިބޭ ވަކިވަކި ޖަވާބުތަކުގެ ސިއްރު ހިފެހެއްޓާނެ ކަމުގެ ޔަގީންކަން ނޫ ރާއްޖެ ޕްރޮގްރާމްއިން ދެއެއވެ.

ސާވޭގެ ނަތީޖާއިން އެކުލަވާލެވޭ ހީޓްމެޕްތައް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި، މި ހީޓްމެޕްތަކުގެ އަލީގައި ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށާއި، މެރިން ސްޕޭޝަލް ޕްލޭނިންގެ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށްވެސް ނޫ ރާއްޖެ ޕްރޮގްރާމުން ބުނެއެވެ.

"ހިމާޔަތް ކުރަން ޖެހޭ ސަރަޙައްދުތައް ދެނެގަތުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުން. މިސާލަކަށް، ވަކިން ހާއްސަކޮށް ފަރުތަކުގެ ދިރުން ރަނގަޅު، ވިލުންވެރި ސަރަހައްދުތައް، ނުވަތަ ވަކިދުވަސްވަރު ތަކުގައި ބައެއްބާވަތުގެ މަސްމަހާއިމެހި ބިސްދޫކުރުމަށް ޖަމާވާ ސަރަހައްދުތައް. މިތަންތަނަކީ ހިމާޔަތް ކުރެވިއްޖެނަމަ އޭގެ ސަބަބުން ވަށައިގެންވާ ސަރަހައްދުތަކަށް އެކަމުގެ ފައިދާ ކުރާނެ ތަންތަން.  އެހެންނަމަވެސް މިމަސައްކަތުގައި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ފަރާތްތަކުގެ ބަހެއް އޮތުން މުހިއްމު. މިފަރާތްތަކުން އެކި ސަރަހައްދުތައް ބޭނުންކުރަނީ ކިހިނެއްތޯ އެނގެން އަޅުގަނޑުމެން ބޭނުން" ނޫ ރާއްޖޭ ގެ ސައިޓް މެނޭޖަރ ފާޠިމަތު ނިސްތަރަން ވިދާޅުވިއެވެ.

ނޫ ރައްޖެއަކީ ރައީސް އޮފީހާއި ފިޝަރީޒް މިނިސްޓްރީގެ އިސްނެގުމާއެކު އެންވަޔަރަމެންޓް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް www.nooraajje.org އަށް ޒިޔާރާތްކޮށް ޕްރޮގްރާމްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ ފޮލޯކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް