މިދުވަސްވަރު އެންމެ ބޮޑަށް އަޑުތައް ގަދަވެފައިވާ އެ ކައިވެނި މާދަމާ ރަސްމީކޮށް ކުރަން ނިންމާފައިވާއިރު އެ ކައިވެނީގެ މުނާސަބާ މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކް ވިލާ އިން ބުނީ އެދެތަރިން ރާއްޖޭގައި ހަނީމޫން ހަދަން އަންނަން ނިންމާފައިވަނީ މުންބާއީގައި އާއިލާ އަށާއި ރަހުމަތްތެރިންނަށް ބާއްވާ ހަފްލާ ނިންމުމަށްފަހުއެވެ.
ރާއްޖެ އަންނަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ސީދާ މި ދެ މީހުން ރާއްޖެ އަންނަ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ރާއްޖެ އައިސް ހަނީމޫން ހަދާނީ ކޮން ރިސޯޓެއްގައި ކަން ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
ވަރަށް ސިއްރިއްޔާތުގައި ކައިވެނި ކުރަން ނިންމި މި ދެތަރިން ކައިވެނީގެ ފޮޓޯ އަދި ވީޑިއޯ ނެގުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެ ހަފްލާއަށް އަންނަ އެއްވެސް މީހަކަށް ފޯނު ވެސް އެތެރެއަށް ނުވެެއްދޭއިރު މިހާރު ރިޕޯޓުތައް ބުނާގޮތުން ކައިވެނީގެ ކަންތައް ކުރިއަށްދާ ވަގުތު އެ ސަރަހައްދު މަތިން ޑްރޯންއެއް އޮޕަރޭޓްކޮށްފި ނަމަ ވެސް ބަޑިޖަހައި ވައްޓާލާނެއެވެ.
އަދި އޭގެ އިތުރުން ހަފްލާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި އެ ހަފްލާގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ބޮލީވުޑް ސުޕާ ސްޓާ ސަލްމާން ހާންގެ ބޮޑީގާޑް ޝޭރާ ވެސް ހުންނާނެ އެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ ކެޓްރީނާ އާއި ވިކީ ވަނީ އެ މީހުންގެ ކައިވެނީގެ ފޮޓޯތައް އިންޓަނޭޝަނަލް މެގެޒިންއެއްގެ އިންޑިއާ އެޑިޝަނަށް ވިއްކަން ނިންމާފައި ވުމުންނެވެ.