ads
ހުޅުމާލޭގައި ޕީޕީއެމުން ބާއްވަން ތައްޔާރުވަމުންދާ ޖަލްސާގެ ތައްޔާރީގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ
ޕީޕީއެމް ޖަލްސާއަށް ހުރަސް އަޅައިގެންނުވާނެ: ޓްރާންސްޕޭރެންސީ
ކޮތަރުކޮށި ނަމުގައި ޕީޕީއެމްއިން ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދާ ޖަލްސާއަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން ބުނީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން މަސައްކަތް ފެށުމުން ފުލުހުން އެކަމަށް ހުރަސް އަޅަމުން ގެންދާތީ އެއަމަލުތައް ކުށްވެރިކުރާ ކަމަށެވެ. 

"ސުލްހަވެރިކަމާއި އެކު އެއްވެއުޅުމަކީ ގާނޫނު އަސާސީންނާއި އަދި ބައިނަލްއަޤުވާމީ އެތައް އެއްބަސްވުމަކުން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް" ޓްރާންސްޕޭރެންސީން ބުންޏެވެ. 

ސަރުކާރުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކޮށްދޭ ބައިނަލްއަޤުވާމީ އެއްބަސްވުންތަކުގެ ތެރޭގައި ޔުނިވާސަލް ޑެކްލަރޭޝަންސް އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮންވީނަންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އިން ވެސް ކަށަވަރު ކޮށްދޭކަން ޓްރާންސްޕޭރެންސީ އިން ފާހަގަ ކޮށްފައި ވެއެވެ.

 ޓްރާންސްޕޭރެންސީން މިހެން ބުނިއިރު އިއްޔެ ސިޓީ ކައުންސިލުގެ އިއްތިފާގުން ވަނީ ހުޅުމާލެއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލްކޮށްފައެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރިކަން ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށާއި ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް އެ މުއައްސަސާތަކަށް އެންގުމަށް ވަނީ ނިންމާފައެވެ. 

ސިޓީ ކައުންސިލުން މިގޮތަށް ނިންމި އިރު އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާ ނަމަ އެކަން ހުއްޓުވައިދިނުމަށެވެ. ނަމަވެސް ހަރަކާތް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް ޕްރޮގްރެސިވް ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް