ads
މީރާގެ ނޮވެމްބަރު 2021ގެ އާމްދަނީ ވަނީ އިތުރުވެފައި
ނޮވެމްބަރު މަހު މީރާއަށް 1.24 ބިލިޔަން ރުފިޔާ،2020 ނޮވެމްބަރުގެ އާމްދަނީގެ ދެގުނަ
ފާއިތުވި ނޮވެމްބަރު މަހު މީރާއިން އާމްދަނީގެ ގޮތުގައި 1.24 ބިލިޔަން ބަލައިގެންފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 168.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މި އަދަދަކީ ނޮވެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 51.8 އިންސައްތަ އިތުރު އަދަދެކެވެ.

ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު، އޮކްޓޯބަރު 2021 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ވަނީ ފާހަގަ ކޮށްފައެވެ. 

މީގެ އިތުރުން، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް ވެސް މީރާއިން ވަނީ ފާހަގަ ކޮށްފައެވެ.

ނޮވެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 62.2 އިންސައްތަ ނުވަތަ ދިވެހި ރުފިޔާ އިން ބަލާނަމަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 6.5 އިންސައްތަ ނުވަތަ 80.99 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

އަދި މީގެ އިތުރުން ނޮވެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް