ads
ދާދިފަހުން ހިރިމަރަދޫގައި ފިހާރައެއް ފަޅާލާފައި
ހިރިމަރަދޫ: މަސްތުގެ ދުމުން ވިހަވެ، ސަލާމަތަށް އެދި ގޮވަނީ
ރާއްޖޭގައި ޒަމާނުއްސުރެ މީހުން ކުދި ރަށްރަށުގައި އުޅެމުން އައީ ވަރަށް ހަމަޖެހިގެންނެވެ. ދިރިއުޅުމުގެ ބައެއް ކަންކަމުގައި ދަތި ކަންކަން ހުރި ނަމަވެސް އެހެން މީހުންގެ ސަބަބުން ދިމާވާ ނުރައްކާ ތަކާއި ގެއްލުންތައް އޭރު ކުޑައެވެ. މާރާމާރީއާއި ފޭރުމާއި ވައްކަން މަދެވެ. އެހެންނަމަވެސް މިހާރު އެކަންކަން ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. އެކަން ރާއްޖޭގެ އެތައް ރަށެކޭ އެއްފަދައިން ތަހައްމަލު ކުރަމުންދާ އެއްރަށަކީ ހދ. ހިރިމަރަދޫ އެވެ.
Advertisement

އެރަށުގެ ބައެއްމީހުން ސިފަކުރާ ގޮތުގައި އެރަށަކީ މިހާރު މަސްތުގެ އައްޑާއެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ހާއްޔެކެވެ. ރަށަށް މަސްތުވާ ތަކެތި އެތެރެ ކުރުމުގެ ދޮރުތައް ހުރީ ފަސޭހަކަމާއެކު ހުޅުވިފައެވެ. އެކަން ބޮޑުވެ ރަށުގެ ރައްޔިތުން ވަނީ އިންތިހާ އަށް ރުޅިގަދަ ވެފައެވެ. ރަށުގެ މަސްލަހަތައްޓަކައި އަދިވެސް މަޑުން ތިބީއެވެ. 

"ރައްޔިތުން މިހާރު ތިބީ ވަރަށް ރުޅިވެސް ގަދަވެފައި. މަސްތުގެ ކަންކަން ހައްލުކުރެވޭނެ ގޮތެއްނެތި ގޮތް ހުސްވެފައި ތިބީ" ހިރިމަރަދޫން ސީއެންއެމް އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

 މީހުން ރުޅިގަދަވެފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ތިންސަތޭކައެއްހާ މީހުންގެ މަދު އާބާދީއެއް އޮތް އެރަށުގައި މިމަހުގެ 6 ވަނަ ދުވަހުވަނީ ދެ ފިހާރައެއް ފަޅާލާފައެވެ.  ނަގާފައިވަނީ ގިނައަދަދެއްގެ ފައިސާ އާއި ކޯލާވާޓަރު ފުޅިއެވެ. ކޯލާވާޓަރަކީ ބައެއް މީހުން މަސްތުވުމަށް ބޭނުންކުރާ އެއްޗެކެވެ.

your imageފިހާރައެއް ފަޅާލާފައި

ހިރިމަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރޭ އެރަށުން ފަޅާލާފައިވާ އެއް ފިހާރަ ކަމަށްވާ އިނާސާ ސްޓޯރުން 22000 ރުފިޔާއާއި 12000 ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފޯންކާޑުގެ އިތުރުން ފެހި ކޯލާ ވާޓަރާއި، ހުދު ކޯލާވާޓަރު ފުޅި ނަގާފައި ވެއެވެ. އަދި އެރަށު ރަންހިރު ފިހާރަ ފަޅާލައި ދެފޮށި ސިނގިރޭޓާއި، 700 ރުފިޔާވަނީ ނަގާފައެވެ. 

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ އެރަށަކީ މަސްތުވާ ތަކެތީގެ ބޭނުންކުރާ މީހުން ގިނަ އަދަދަކަށް ތިބި ރަށެއް ކަމަށާއި ފުލުހުން ގާއިމްވެ ނުތިބޭ ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަން ހިނގަމުން ދާކަމަށެވެ.

ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދުވެސް މިކަމާ އެއްބަސް ވެލައްވައެވެ. ވިދާޅުވީ އެމައްސަލަ ބޮޑުވެގެން ފުލުހުންގެ ޑެސްކެއް ނަމަވެސް އެރަށުގައި ބަހައްޓަވައި ދެއްވުން އެދި އެތައްފަހަރަކު ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކަން ކުރިއަށް ދާކަމަކަށް ނުވެއެވެ. 

"ފުލުހުން މިތާގައި ގާއިމްވެ ނުތިބޭތީ އެންމެ ބޮޑުމައްސަލައަކީ. ކޮންމެ ފަހަރަކުވެސް ވައްކަން ހިންގާފައި އަނެއްކާވެސް ދުވަސްކޮޅެއް ފަހުން ތަކުރާރު ވާނެ. ފުލުހުންނަށް ގުޅުމުން އާދެވެނީ އެހާލަހުން . އެހެންތާވާނީ އެހެންރަށަކުން އަންނަންޏާ" ވަހީދު ވިދާޅުވިއެވެ. 

އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މިހާރު ރަށުގެ މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ސަބަބަކީ މަސްތުވާ މީހުން ދެންތިބި މީހުނަށް ގެއްލުން ދެމުން ދާތީއެވެ. މިއަހަރުވެސް ދެފަހަރަކަށް އެރަށުގެ ފިހާރަތައް ފެޅުމުގެ މައްސަލަތަކެއް ވަނީ ހިންގާފައެވެ. އެހެންނަމަވެސް އަދިވެސް އެކަންކަން ހުއްޓުވޭ ތަނެއް ނުފެނެއެވެ. ފެންނަނީ ރައްޔިތުން އެކަމުގައި ގޮތް ހުސްވަމުންދާ މަންޒަރެވެ. 

"އެހެންވާނެތާ. އެމީހުން އެތައް ދުވަހެއް ވަންދެން ކުރަމުންއަންނަ ބުރަ މަސައްކަތުން ހޯދާފައިހުންނަ ފައިސާ ކޮޅު އެއީ" ކައުންސިލް ރައީސް ވިދާޅުވިއެވެ. 

މަސްތުގެ ވަބާގައި ޖެހެމުންދާ މީހުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުންދާ އިރު މަސްތުވާތަކެތީގެ ނެޓްވޯކްތައް ރާއްޖޭގެ އެތަން މިތާނގައި ވަނީ ފުޅާވެފައެވެ. ސަރުކާރުތަކުން އިސްތިހާރު ކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބާރަށް މަސްތުވާތަކެތީގެ ހަރަކާތްތައް ރާއްޖޭގެ އެތަން މިތާނގައި ދަނީ ހިނގަމުންނެވެ. ދާދި ފަހުން ފުލުހުން ބުނީ އެފަދަ ވިޔަފާރި ކުރާ ތަންތަން ބަނދުކުރި ކަމަށެވެ. އެހެންނަމަވެސް އެނގުން ވާވަރުގެ ބަދަލެއް މިކަމަށް އަންނަމުންދާ ތަނެއް ނުފެނެއެވެ. ހިރިމަރަދޫ ކަހަލަ ރަށްރަށުން އެފެންނަނީ އެމަންޒަރެވެ.

your imageހިރިމަރަދޫ ސްކޫލް ކުދިންތަކެއް: ކުދިންގެ މުސްތަގްބަލާމެދު ސުވާލު އުފެދޭ

"މިހާރު ރައްޔިތުން އެމީހުންނާ ދެކޮޅަށް ނުކުންނަ ހިސާބުގައި އޮތީ. އެވަރަށް މީހުން ރުޅި އައިސްފައި ތިބީ" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

ރާއްޖޭގެ ގިނަ ރަށްރަށުގައި މިމައްސަލަ ބޮޑެވެ. އެހެންނަމަވެސް އެރަށެއްގެ ރައްޔިތުން އެކަމުގެ ސަބަބުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ ދެކޮޅަށް ނުކުމެ ކަންކަން ހައްލު ކުރަން ޖެހޭ ހިސާބަށް ދިއުމަކީ ބޮޑު މައްސަލައެކެވެ. ކައުންސިލުން ބުނީ އެކަންކަން އެހެން ވާން ނޭދޭ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ކުދީން ރަނގަޅު، މުޖުތަމައު އަށް ބޭނުން ހިފޭ ކުދީންނަށް ވުން މުހިއްމު ކަމަށެވެ. އެކަމަށްޓަކައި ފުލުހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުން ވާ ކަމަށް ކައުންސިލުން ބުނެއެވެ. 

މަދު އާބާދީއެއް އޮތްކަމުގައި ވިޔަސް މިހާރުވެސް އެރަށުގެ ތިން މީހަކާބެހޭ މައްސަލަތަކެއް ކޯޓުތަކުގައި ކުރިއަށް އެބަ ދެއެވެ. މުޅިން ވެސް މަސްތުވާ ތަކެއްޗާ ގުޅުން ހުރި މައްސަލަ ތަކެވެ. 

ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް އިތުރުވެ އެކަމާގުޅިގެން އިތުރު އާވައްތަރުގެ ކުށް ކުރުންވެސް އަންނަނީ އާންމު ވަމުންނެވެ. ފުލުހުން ދަނީ އެކަންކަން އިއުލާނު ކުރަމުންނެވެ. ރޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މާލެ ވިލިނގިލީގައި މިހާރު، މީހުން ރަހީނު ކުރާ ނެޓްވޯކެއް އުފެދިފައި ވާކަމަށެވެ. އެތައްބަޔަކު ރަހީނު ކޮށް ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ. 

ހާލަތު މިހާހިސާބަށް އަންނައިރުވެސް ހިރިމަރަދޫ ފަދަ ރަށްރަށަށް ހިމާޔަތެއް އޮންނަނީ ނުދެވިފައެވެ. އެމީހުން އިންތިހާއަށް އެދެނީ އެމީހުންނަށް ފުލުހުންގެ ޑެސްކެއް ނަމަވެސް ގާއިމް ކޮށްދިނުމަށެވެ. ހައްލެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. ރަށުގެ ވެށި އަމާން ކުރުމުގެ ބޭނުމުގައެވެ. ހަމަޖެހިލައިގެން ނިދާލުމުގެ ބޭނުމުގައެވެ. މިނިވަން ޖައްވަކަށް ނޭވާ ލުމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
65%
ވަރަށް ސަލާމް
ކޮމެންޓްސް